ޗައިނާގެ ކޯސްޓްގާޑު މަނަވަރުތަކަކުން ފިލިޕީންސްގެ ބޯޓުތަކަކަށް ފެން ޖެހި މައްސަލައެއް ހޫނުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޗައިނާގެ މަނަވަރުތަކުން ފިލިޕީންސްގެ ބޯޓުތަކަށް ފެން ޖެހީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގަ އެވެ. އޭގެތެރެއިން އެއް ބޯޓުގައި ފިލިޕީންސްގެ މިލިޓަރީ އިސް އޮފިޝަލަކު ވެސް އިންނެވި ކަމަށްވެ އެވެ.
ފިލިޕީންސް އިން ބުނީ ޗައިނާޣެ ކޯސްޓްގާޑް އުޅަނދުތަކުން ވޯޓާ ކެނޮންސް ބޭނުންކޮށްގެން ފެން ޖެހުމުގެ ސަބަބުން އެއް ބޯޓުގެ އިންޖީނަށް ސީރިއަސް ގެއްލުންތަކެއް ލިބި، އިތުރު ބޯޓެއް ހަލާކުވެފައިވާ ކަމަށެވެ.
ފިލިޕީންސްގެ އާމްޑް ފޯސްގެ ޗީފް އޮފް ސްޓާފް ރޯމިއޯ ބްރޯނާ ވިދާޅުވީ ޗައިނާގެ ކޯސްޓްގާޑް މަނަވަރަކުން ފިލިޕީންސްގެ ބޯޓުތަކަށް އަމާޒުކޮށްގެން ފެން ޖެހި އިރު، އޭގެ ތެރެއިން އެއް ބޯޓުގައި އޭނާ އިންނެވި ކަމަށެވެ.
"މިއީ ހަގީގަތުގައި ޗައިނާ އިން ކުރި ވަރަށް ސީރިއަސް ކަމެއް،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިލިޕީންސްގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލް ޖޮނަތަން މަލާާ ވިދާޅުވި އެވެ.
ޗައިނާގެ ކޯސްޓްގާޑްގެ މި އަމަލުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ވެސް ފިލިޕީންސުން ވަނީ ހާމަކޮށްފައެވެ.
ފިލިޕީންސްގެ ރޭޑިއޯ ސްޓޭޝަނަކަށް ދިން އިންޓަވިއުއެއްގައި ބްރޯނާ ވިދާޅުވީ އެ ހާދިސާގައި އޭނާ އަށް އަނިޔާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ޗައިނާ އިން އެކަން ކުރީ ކޮން ސަބަބަކާ ހުރެ ކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގައި ފިލިޕީންސް އިން ވަނީ ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގައުމަށް ހާޒިރުކޮށްފަ އެވެ. އަދި ފިލިޕީންސްގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ.
މިކަމާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ފިލިޕީންސްގެ ބޯޓުތަކުން ޗައިނާގެ ކޯސްޓްގާޑްގެ އުޅަނދުތަކުގެ އިންޒާރަށް ބޯލަނބާފައި ނުވާ ކަމަށެވެ. އެހެންވެ، އެކަމުގައި ޗައިނާ އިން އަމަލު ކުރީ ޕްރޮފެޝަނަލްކަމާ އެކުގައި ކަމަށް ބުނެފައިވެ އެވެ.