ރަންގޫން (3 ފެބްރުއަރީ) - އަސްކަރިއްޔާއިން ބަޣާވާތެއް ގެނެސް ހައްޔަރުކުރި މިޔަންމާގެ ސިޔާސީ ލީޑަރު އަންގް ސަން ސޫކީ އާ ދެކޮޅަށް އެ ގައުމުގެ ކޯޓުގައި ދައުވާ އުފުލައިފި އެވެ.

މިޔަންމާގެ ފުލުހުން ސޫކީއާ ދެކޮޅަށް އުފުލާފައިވަނީ ގަވާއިދާއި ހިލާފަށް މުވާސަލާތީ އާލާތްތަކެއް އެތެރެކޮށް ބޭނުންކުރުމުގެ ކުށުގަ އެވެ. ފުލުހުން ބުނީ ސޫކީގެ ގެ ބަލާ ފާސްކުރި އިރު އެގެއިން މުވާސަލާތު ކުރުމަށް ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ވޯކީ ޓޯކީތަކެއް ފެނިފައިވާ ކަމަށެވެ. އަދި މިއެއްޗެހި ބޭނުންކޮށްފައިވަނީ ހުއްދަ ހޯދުމަކާއި ނުލަ އެވެ. ސޫކީގެ ބަންދުގެ މުއްދަތު މިމަހުގެ 15 ވަނަ ދުވަހާ ހަމަޔަށް މިޔަމްނާގެ ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.

އަލްޖަޒީރާއިން ބުނިގޮތުގައި މިޔަންމާގެ އިންޕޯޓް އެކްސްޕޯޓް ގާނޫނަކީ މީގެ ކުރިން ވެސް ވަރަށް ގިނަ ސިޔާސީ މީހުން ހައްޔަރުކޮށް ޖަލަށްލުމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބޭނުންކޮށްފައިވާ ގާނޫނެކެވެ.

ސޫކީގެ ޕާޓީ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީގެ ވެރިކަމުގެ ދުވަސްވަރު މި ގާނޫނަށް ބަދަލުތަކެއް ގެނެސްފައި ނުވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެންޑީއެލްގެ ގިނަ ސިޔާސީ މެމްބަރުން ހައްޔަރުކޮށް ޖަލަށްލާފައިވަނީ ވެސް މި ގާނޫނުގެ ދަށުންނެވެ.

މިޔަންމާގެ އިންތިހާބުގައި މަކަރު ހެދިކަމަށް ތުހުމަތުކޮށް، ޑިފެކްޓޯ ލީޑަރު އަންގް ސަން ސޫކީ އާއި ވެރިކަންކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީގެ އިސްވެރިންތައް ސިފައިން ވަނީ ހައްޔަރުކޮށްފަ އެވެ. އަސްކަރިއްޔާއިން ވަނީ މިޔަންމާގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ނުރަކަލުގެ ހާލަތު އިއުލާންކޮށް، ސަރުކާރުގެ ބާރުތަކާ ސިފައިން ހަވާލުވެފައިވާ ކަމަށާއި އަދި މިހާރު ސަރުކާރުގެ އެންމެ އިސްމީހަކީ ސިފައިންގެ ވެރިޔާ މިން އައުންގް ލައިން ކަމަށް ހާމަކޮށްފަ އެވެ.

އަސްކަރިއްޔާއިން ގެނައި ބަގާވާތާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން ވަނީ މިކަން ކުށްވެރިކޮށް ޑިމޮކްރަސީގެ އުސޫލުތަކަށް ބޯލަނބައި ގައުމުގެ ސުލްހަމަސަލަސްކަމާއި ހަމަޖެހުން ގާއިމްކުރުމަށް ގޮވާލާފަ އެވެ. ޖީ7 ގެ ގައުމުތަކުން ވަނީ ހައްޔަރުކޮށްފައިވާ މީހުންތައް ދޫކޮށް ގައުމަށް ހަމަޖެހުން އަނބުރާ ގެނައުމަށް ގޮވާލާފަ އެވެ.