ރާއްޖޭގެ ތާރިހުގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމަށް މި ސަރުކާރުން ނިންމާފައިވާ ކ. ފުށިދިއްގަރުފަޅަށް "ރަސްމާލެ" ނަމުން ނަން ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވަން އެ ފަޅުގައި އޮތް ބާޖެއްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލެ ތަރައްގީވެގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސޭފް އަދި އީކޯ ސިޓީއެއްގެ ގޮތުގައި ކަމަށެވެ. އަދި މަސައްކަތް ކުރައްވާނީ އެ ތަނަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ނުވަތަ ބެޓްރީ ވެހިކަލް ދުއްވޭ ތަނަކަށް ހަދަން ކަމަށް ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންގޮސް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ގިރާވަރުފަޅާއި ގުޅީފަޅާއި ހުޅުމާލެއާ މިތަންނަނާ އެކުގައި ފުށިދިއްގަރު ފަޅުގައި ހިއްކާ ބިން ހިކިގެން ދިއުމުން މާލޭގެ ރައްޔިތުންނަށް މި ޒަމާންތަކެއް ވަންދެން ހައްލުނުވެއޮތް ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމަށް ހައްލު ލިބިގެންދާނެ. އަދި މާލޭގެ ދިރިއުޅޭ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަވެސް މިތަނުން ހައްލުކޮށްދޭނަން." ރައީސް ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ތަރައްގީ ކުރަނީ ސޭފް އައިލެންޑެއްގެ ގޮތެއްގައި އިންޓަނޭޝަނަލް މިންގަނޑުން ކަނޑައެޅޭ ވަރަށް ހިއްކައިގެން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މެދުގައި ތިން މީޓަރު އުސްމިން އަދި އަރިމަތީގައި ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގައި ކުރަންޖެހޭ ހުރިހާ ކަމެއް ވެސް އެ ތަނުގައި ގާއިމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މާލެ ސަރަހައްދާ އެކު އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ރާއްޖޭގެ އުތުރާއި ދެކުނުގައި އާބަން ސެންޓަރުތަކުގެ ގޮތުގައި ސަރަހައްދުތަކެއް ތަރައްގީ ކުރައްވާނީ، އެކަށީގެންވާ މިންވަރަށް ބޯހިޔާވަހިކަމާއި ތައުލީމާއި ސިއްހަތާއި ވަޒީފާގެ ފުރުސަތުތައް ލިބޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަކީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުއެކެވެ. މި މަޝްރޫއަށް ފައިސާ ހޯދި ގޮތެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އަދި މި މަޝްރޫއަށް ހޭދަވާނެ ފައިސާގެ އަދަދެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.