ކުޅުދުއްފުށި ސިޓީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އާއެކު ސިޓީ ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު މުބީން އެވެ. ކުޅުދުއްފުށި ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު މުހައްމަދު އާތިފެވެ.

މިއެއްބަސްވުމުގެ ދަށުން އެއާޕޯޓް އިންވެގެން ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސްބިމުގައި ޓުއަރިޒަމް ޒޯނެއް ތަރައްގީ ކުރުމަށާއި، އަދި އާރްއޭސީއެލްގެ ފަރާތުން ޓުއަރިޒަމް ޒޯން ތަރައްގީ ކުރުމަށް ބޭނުންވާ ފަންޑިންގ ނުވަތަ އިންވެސްޓަރުން ހޯދުން ހިމެނެ އެވެ.

އާރްއޭސީއެލްގެ ފަރާތުން މައޫލޫމާތު ލިބުނު ގޮތުގައި، މި މަޝްރޫއުގެ އެންމެ މައިގަނޑު އެއް ބޭނުމަކީ، މިވަގުތު އެބިމަކީ ބޭނުމެއް ނުކުރެވި އޮތް ހުސްބިމަކަށްވާތީއާއި ކުޅުދުއްފުއްޓަށާއި އަދި ކުޅުދުއްފުށީގެ ރައްޔިތުންނަށްވެސް އެންމެ މަންފާކުރާނެ މަޝްރޫއެއް އެބިމުގައި ކުރުމެވެ.

މިފަދަ ތަރައްޤީއެއްގެ ސަބަބުން، ކުޅުދުއްފުށި ސިޓީ އާއި ކުޅުދުއްފުށީގައިވާ އެހެނިހެން ގެސްޓްހައުސްތަކާއި ވިޔަފާރިތައް އިތުރަށް ދުނިޔޭގައި މާކެޓްވެގެންދާނެ ކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

މިފަދަ މަޝްރޫއެއްގެ ސަބަބުން، ކުޅުދުއްފުށި އެއާޕޯޓަށް ފްލައިޓް މޫވްމަންޓަތައް އިތުރުވެގެން ދާނެ އެވެ. އަދި އިގްތިސާދީ އިތުރު ކުރިއެރުން ރަށަށް ގެނައުވައިދީ އިތުރު ވަޒީފާގެ ފުރުސަތު އުފައްދައި ދިނުމަކީ ރީޖަނަލް އެއާޕޯޓުގެ އެއް އަމާޒެވެ.

އަޙްމަދު މުބީން އާރްއޭސީއެލް އާއި ހަވާލުވެވަޑައިގެންފަހުން، ވަރަށް ގިނަ މަސްރޫއުތަކެއް ފެށުމަށާއި، އިންގިލާބީ ބަދަލެއް ކުންފުންޏަށް ގެނައުމަށް ދަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މުބީންގެ އަމާޒަކީ، އިތުރު ކޮމާޝަލީ ވައިބަލް ވާ މަޝްރޫއުތަކަށް އިންވެސްޓްކޮށް ސަރުކާރުގެ މާލީއެހީއަށް ބަރޯސާވެފައި އޮތްއޮތުން ކުރިއަށް އޮތް ތިން އަހަރު ތެރޭ ނިމުމަކަށް ގެނެސް، ފައިދާ ނެރޭ ކުންފުންޏަކަށް ހެދުމެވެ.

މިވަގުތު އާރްއޭސީއެލްގެ ފަރާތުން ޖުމްލް ހަތް އެއާޕޯޓެއް އޮޕަރޭޓްކުރަމުން ދެ އެވެ.