ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ހިޔާ މަޝްރޫއާ ބެހޭ އެއްވެސް ވާހަކައެއް ހިމެނިފައި ނުވާތީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައިސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހިޔާ މަޝްރޫޢުގެ ވާހަކަ އެއްވެސް ވަރަކަށް ނުގެންނެވީތީ ހިތާމަކުރައްވާ ކަމަށާއި، އަދި ހިޔާ ފްލެޓްތައް އަތުލި ނިކަމެތި ރައްޔިތުންގެ އިހުސާސްތަކާއި، ފްލެޓްތައް ލިބޭ ރައްޔިތުންގެ އިންތިޒާރަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ސާފުވެގެން ހިންގައްޖެ ކަމަށެވެ.

"ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހިޔާ މަޝްރޫއުގެ ވާހަކަ އެއްވެސް ވަރަކަށް ނުގެންނެވީތީ ހިތާމަކުރަން. ހިޔާ ފްލެޓްތައް އަތުލި ނިކަމެތި ރައްޔިތުންގެ އިހުސާސްތަކާ، ފްލެޓްތައް ލިބޭ ރައްޔިތުންގެ އިންތިޒާރަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ސާފުވެގެންދިޔަ،" ޑރ. މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

މީގުއިތުރުން، ގުޅީފަޅުގައި ޕޯޓް ހެދުން ކުރިޔަށްދާނެކަމަށް ރިޔާސީ ބަޔާނުގައި ބަޔާނުގައި ރައީސް ވިދާޅުވެފައިވާތީ، ޑރ. މުއިއްޒު ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. ގުޅީފަޅުގެ ޕޯޓު އެޅުން ކުރިއަށްދާނެކަަމަށް ވިދާޅުވުމަކީ، މާލޭގެ ރައްޔިތުންގެ ބޯހިޔާވެހިކަމުގެ ހައްގާ، އެކަމުގެ އުންމީދާމެދު މިސަރުކާރުގެ ސިޔާސަތު އޮތްގޮތް ސާފުވެގެންދިޔަ ކަމެއް ކަމުގައި ޑރ. މުއިއްޒު ވަނީ ސިފަކުރައްވާފަ އެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުއިއްޒު ދާދިފަހުން ވަނީ، ބޯހިޔާވެހިކަން ހައްގު ނޫން އެއްވްސް ދިވެއްސެއް ނުހުންނާނެ ކަމަށާއި ގެދޮރުވެރިކަމަކީ އިންސާނީ ހައްގެއް ކަމަށް ވިދާޅުވެފަ އެވެ.

"ބޯހިޔާވަހިކަން ހައްޤު ނޫން ދިވެހިރައްޔިތަކު ނުހުންނާނެ. އެއީ ބޯހިޔާވަހިކަމަކީ، ގެދޮރުވެރިކަމަކީ އިންސާނީ ހައްގެއް. ރައްޔިތުންގެ އިންސާނީ ހައްގެއް ގެދޮރުވެރިކަމަކީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއަކީ ޑރ. މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު ކުރީ ސަރުކާރުން ފެއްޓި މަޝްރޫއެކެވެ. އެހެންކަމުން، ހިޔާ ފްލެޓްތައް ހަވާލުކުރުން ލަސްވާތީ، ކަންބޮޑުވުން ފާޅުކުރައްވާ ޑރ. މުއިއްޒު އެކި ފަހަރުމަތިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.