ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ރިޔާސީ ބަޔާން އިއްވެވީ ކޮވިޑްގެ ޙާލަތުގައި އެޅުއްވި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވަރަށް މަދު ބަޔަކަށް ދައުވަތު ދީގެންނެވެ.

އެޗްޕީއޭ އިން ހަދާފައިވާ ގައިޑްލައިނާ އެއްގޮތަށް މަޖިލީހުގެ އެތެރޭގެ ޗެމްބަރުގައި ވެސް ގައިދުރުކޮށް އިށީނދެވޭނެ ގޮތް އިންތިޒާމްކޮށްފައިވެ އެވެ. މީގެ އިތުރުން ރިޔާސީ ބަޔާން އިއްވާ ދުވަހަށް މަޖިލިސް ވަރަށް ފުރިހަމައަށް ތައްޔާރުކޮށް އާބާތުރަ ފިލުވާ ޒީނަތްތެރިކުރި ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދީފައިވެ އެވެ. އަދި ލައިވް ކުރުމަށް އިހުނަށްވުރެ ގިނަ ކެމެރާ އަޅައި ދައުލަތުގެ މީޑިއާއާ ގުޅިގެން ރައީސްގެ ޝޮޓްތައް އެކި އަރިއަރިއަށް ރައްޔިތުންނަށް ފެންނައިރު ރައީސްގެ "ހައިބަތު" ހުންނާނެ ފަދަ ގޮތްގޮތަށް ދުރާލާ ކުރަހާ ޕްލޭން ކުރެވުނެވެ. އަދި މިދިޔަ ފަހަރުގެ ތަޖުރިބާއަށް ބަލާ ތަޅުމުގައި އިޙްތިޖާޖުކުރިއަސް ރައީސްގެ ފޮޓޯ ރީތިކޮށް ނަލަކޮށް ރައްޔިތުންނަށާއި ބޭރު ދުނިޔެއަށް ފެންނަ ގޮތަށް ކެމެރާތައް ތަރުތީބު ވެސް ކުރި އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމުގެ ގޮތުން ރިޔާސީ ބަޔާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއްވަވަނީ. ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން މިފަހަރުގެ ރިޔާސީ ބަޔާން ދުރާލާ ޕްރޮމޯޓްކުރުމަށް އާ ތަރުޖަމާނު މުހައްމަދު މަބްރޫކް ވަރަށް ގިނަ ގުނަ މަސައްކަތް ވެސް ކުރެއްވި އެވެ. އެގޮތުން ރިޔާސީ ބަޔާނުން ނަމްބަރުތައް ހާމަވާނެ ކަމާއި އުއްމީދު އާވާނެ ކަމަށް ރައްޔިތުންނަށް އުއްމީދު ދީ، ނޫސްވެރިންނަށް ވެސް މިކަމާގުޅޭ ވަރަށް މަޢުލޫމާތު ދެއްވި އެވެ. މިކަމަކީ ހައްތާހާ ވެސް ރިޔާސީ ބަޔާން "ރަނގަޅަށް" ކަވަރު ކުރުމަށް ތަރުޖަމާނު ކުރެއްވި މަސައްކަތްޕުޅެވެ. އަދި ސޯޝަލް މީޑިއާގައި ސަރުކާރުގެ އެކްޓިވިސްޓުންނާއި ކުންފުނިތަކާއި ވުޒާރާތަކާއި ވަޒީރުންނާއި އެކި ލެވެލްތަކުގައި ރިޔާސީ ބަޔާނަށް ތައުރީފްކޮށް ސަނާ ކިޔާނެ ގޮތްތައް ވެސް ވަނީ ރާވާފަ އެވެ. ވާނީވެ ސް އެހެންތާ އެވެ.

އަދި ކޮބައިތޯއެވެ. ރިޔާސީ ބަޔާނަށް ރިހާސަލް ބާއްވާތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ. މަގުބަންދުކޮށްގެން ކޮންމެ ރެއަކު ރިހާސަލް ޖައްސާ، ރައީސް ވަޑައިގަންނަވާއިރު މަގުމަތި އަމާންކުރުމަށް ވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާނެއް ކުރިޔަށްދިޔައިރު މިހާތަނަށް މަގުތައް ބަންދުނުކުރާ ގޮތްގޮތަށް މަގުބަންދުކޮށް ދެފުރޮޅާއި ހަތަރު ފުރޮޅާއި ހިނގުން ވެސް މަނާ މަގުތައް ކަނޑައަޅާ ކޮންމެ ކަންމައްޗަކަށް ކޮންމެ މަގަކަށް ކޮންމެ ގޯޅިއަކަށް ނުކަތާ ވަރަށް ސެކިއުރިޓީން ވެސް ބޭތިއްބި އެވެ. ރައީސަށް ދޭންވާ އިޙްތިރާމާ ސަލާމަތާ ރައްކާތެރިކަން އޮންނަންވާނެ ކަމަށް ގަބޫލުކުރަމެވެ.

ރައީސް ރިޔާސީ ބަޔާން އިއްވި ވަގުތާ ދިމާކޮށް ފުލުހުން މަގުމަތީގެ ސެކިއުރިޓީ ބަލަހައްޓަނީ.

މަޖިލީހަށް ރައީސް ސޯލިހު ވަޑައިގެން ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުގެ މާކުރިން މަޖިލީހުގެ ތެރޭގައި މެމްބަރަކު އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ. ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރެވެ. ރިޔާސީ ބަޔާން އިއްވާ ނިމެންދެން އަޑުގަދަ ކުރީ އެވެ. އެކަމުގެ އެއްވެސް މަންޒަރެއް ޓީވީއަކުން ނުފެނެ އެވެ. ނަމަވެސް މުޅި ބަޔާން ނިމެންދެން އެ އަޑުނުކެނޑެއެވެ. މާ ބާރު އަޑަކަށް ވީމަތާ އެވެ. ޓީވީ ބަލަން އިން އިރު ވޮލިއުމް ކުޑަކޮށް ޖައްސާލީމައި ހީވީ ޓީވީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. އެހާވެސް ރައީސްގެ އަޑުބާރެވެ. އަދި ދޭތެރެއަކުން މެމްބަރުން އަތްޖަހަން ފެށީމާ ހީވީ ދެކަންފަތް ފަޅައިގެން ގޮސްދާނެހެންނެވެ. ހާދަހާވާ އަޑުބާރެވެ. ކޮންމެ ފަހަރަކު އަތްޖަހާއިރު އެއް ވަޒަނަކަށް އެއް ގޮތަކަށް އަތްޖެހުނީ އަދި އަތްޖަހާ ގަޑީގައި އަޑުވަކިން ބާރުކޮށް އިވެނީ ޓެކްނިކަލް ޓީމަށް ދީފައިވާ އިރުޝާދުގެ ދަށުންނޭ ބުނާކަށް ނެތީމެވެ.

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް އިދިކޮޅު މެމްބަރުން ބެނާއެއް ހިފައިގެން ވަންނަން އުޅުމުން މަޖިލީހުގެ ސެކިއުރިޓީން އެކަމަށް ހުރަސްއަޅަނީ.

މިކަންކަން މިހެން ހިނގަމުން ދިޔައިރު ރައްޔިތުންގެ މަޖިލީހުގެ މަޖީދިއްޔާއަށް ވީފަޅިން ޗެމްބަރަށް ވަދެވެން ހުންނަ ދޮރުމަތީގައި ހަތަރު ފަސް މެމްބަރަކު ޗެމްބަރަށް ނުވަދެވިގެން ތިއްބެވެ. މީވެސް ލައިވް ކެމެރާއަށް ނުފެންނަ މަންޒަރެކެވެ. އެބޭފުޅުން އަތުގައި ބެނާއެއް އޮތެވެ. އެބޭފުޅުން ޗެމްބަރަށް ނުވައްދަން ސެކިއުރިޓީން ކޮށްޕަމުން ހުރަސްއަޅަމުން ދިޔައެވެ. އިރުކޮޅެއް ފަހުން ޗެމްބަރުގެ އަނެއް ފަރާތުން ވަންނަން ބެނާ ހިފައިގެން މެމްބަރުން ދިޔަ އެވެ. އެދޮރުން ވެސް ވަދެވޭ ގޮތެއް ނުވި އެވެ. ހަމަ ސެކިއުރިޓީން ހުރަސްއެޅީ އެވެ. އެއްގޮތަކަށް ވެސް ވަދެވޭ ގޮތެއް ނުވި އެވެ.

އެއީ އިދިކޮޅު މެމްބަރުންނެވެ. މަދު މެމްބަރުން ކޮޅެކެވެ. ހިފައިގެންތިބި ބެނާގައި އޮތީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ރައީސް ޔާމީނަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލާފަ އެވެ. އެހެންވީމާ ހަމަހިލާ އެ ބެނާ ހިފައިގެން އެ މެމްބަރުންނަށް މަޖިލިސް ތެރެއަށް ނުވަދެވޭނެތާ އެވެ. އެހެންވެ މަޖިލިސް ކުރިއަށް ދިޔައީ ޗެމްބަރުގެ ބޭރުގައި އެ މެމްބަރުން ބައިތިއްބައިގެންނެވެ. ޑިމޮކްރެޓިކް ނިޒާމް ކިތަންމެހާ ވެސް ފުރިހަމަވެއްޖެ ނޫންހެއްޔެ؟

މަޖިލީހުގެ ޗެމްބަރަށް ނުވަދެވުމުން އެ މެމްބަރުން ބެނާ ހިފައިގެން މަޑުކުރީ ރައީސް ނިކުންނަވާ ދޮރާ ދިމާލުން މަޖިލީހުގެ ތެރޭގަ އެވެ. ހިމޭން އިޙްތިޖާޖެއްކުރީ އެވެ. އެމްޑީޕީ ވެރިކަމުގައި އޮތް އިރު ކަންކުރި ގޮތަށް މަޖިލީހުގެ ތެރޭގައި ހަޅޭއްފަޅޭއްޖަހާ އަޑުގަދަކޮށް ބެރު ދުންމާރި ތާޅަފިލި ފުމެ، ގޮނޑިމައްޗަށް އަރާ ވާހަކަ ދައްކާ މީހާގެ މައިކު ދޮށަށްގޮސް ހަޅޭއްފަޅޭއް ޖެހިހެނެއް ނޫނެވެ. ރައީސް ނިކުމެވަޑައިގަތީ ހިމޭން އިޙްތިޖާޖުގެ ބައިވެރިންގެ ކުރިމައްޗަށެވެ.

ރިޔާސީ ބަޔާން އިއްވެވުމަށްފަހު ރައީސް ސޯލިހު މިއަދު މަޖިލިހުގައި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ބޭނާ ހިފައިގެން ތިބި އިދިކޮޅު ޕީޕީއެމްގެ މެމްބަރުންނާ ބައްދަލުކުރައްވަނީ.

އެބޭފުޅުން ދެންނެވީ ރައީސް ޔާމީން މިނިވަން ކުރުމަށާއި އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާ ހުއްޓާލުމަށެވެ. ރައީސް ޔާމީނަށް އިންސާފު ލިބުމުގައި ހުރި ދަތިތައް ފާހަގަކުރައްވާ ސަރުކާރުން އިންސާފަށް ހުރަސްއަޅާތީ އެކަމުގެ ކަންބޮޑުވުމެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެމަނިކުފާނު ވަގުތުން މިނިވަން ކޮށްދެއްވުމަށެވެ. ދެ ރައީސުން ވެސް ބެނާކައިރީގައި މަޑުކޮށްލައިގެން ތިއްބެވިއެވެ. ބެނާގައި ލިޔެފައިވާ އެއްޗެއް ވެސް ވިދާޅުވި އެވެ. އެއަށްފަހު ރައީސް ވިދާޅުވި އެވެ. "ތިކަން އަޅުގަނޑު ބަލާނަމެވެ." އެވަގުތު އިދިކޮޅުން މަޖީދިއްޔާ ކަންމަތީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ކުރަމުން ދިޔަ އެވެ. އަދި އިބްރާހީމް މުޙައްމަދު ސާލިހުގެ އިސްތިއުފާއަށް ގޮވަމުން ދިޔައެވެ. ސަރަޙައްދު އޮތީ ބެރިކޭޑް ޖަހާ ބަންދުކޮށްފައެވެ. ފުލުހުން ވަށައިގެން ބައްދާލާފަ އެވެ.

ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގެ ސޯސަންމަގުގައި މިއަދު މުޒާހަރާކުރަނީ. ފޮޓޯ: ޕީޕީއެމް

މީގެ ކުރިންވެސް މަޖިލީހުގައި ރިޔާސީ ބަޔާންތައް ދީފައިވެއެވެ. ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ދެއްވި ރިޔާސީ ބަޔާނަކީ ތާރީޚުގެ ފަތްފުށްތަކުން ޖާގަ ހޯދި ބަޔާނެކެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ދެއްވި ރިޔާސީ ބަޔާންތަކުގައި އެމްޑީޕީން ވަނީ ރިޔާސަތު ވަށާލާ މަޖިލީހުގެ ނިޒާމު ގެއްލުވާލާ އަޑުގަދަކޮށް ރިޔާސީ ބަޔާނަށް ހުރަސްއަޅާފަ އެވެ. ވަށައިގެން އެމްޑީޕީގެ މެމްބަރުންގެ ފުރައްސާރައާއި ހަޅޭކާ އެކީ އެފަހަރު ބަޔާން ނިންމަވާލައްވާފައި ރައީސް ޔާމީން ދެއްވީ ތަމްބްސް ޑައުންއަކީ "ހިތްމަތިކަން" ކަމަށްވެފައި، މިއަދު މުޅި ސަރުކާރުގެ ހުރިހާ ބާރުތައް ބޭނުންކޮށްގެން ލޮލު ކުރިމައްޗަށް ދެއްކި ރީތި ބަޔާނަށްފަހު ބަޔަކު ހިމޭން އިހުތިޖާޖު ކުރަންތިބި ފަސް މީހެއްގެ ކުރިމައްޗަށް ރައީސުލްޖުމްހޫރިއްޔާ ހުއްޓިވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްތިރިކަން ހެއްޔެވެ؟ އޭރު އެމްޑީޕީން މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާއަށް ފުރައްސާރަކުރި ވަރުގެ ކުޑަ ތަންފުކެއްގެ މިންވަރަށް ވެސް މަޖިލީހުގައި މިއަދު އިދިކޮޅުން ރައީސަށް ކުޑައިމީސްކޮށްފައެއް ނުވެ އެވެ.

ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވި ދުވަހު އެމަނިކުފާނަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން އަޑުގަދަކޮށް ހުރަސް އަޅަނީ.

ކޮންމެއަކަސް މިހުރިހާ ކަންކަން ހިނގަމުންދިޔައިރު ޓީވީތަކުން ބަލަންތިބި އެތައް ބަޔަކަށް މިކަންކަމެއް ނުފެނުނެވެ. އެއީ ސަރުކާރުގެ މޫނުމަތި ރީތިކުރުމުގެ ސިޔާސަތުގެ ދަށުން ވަކި ގޮތަކަށް ކަންކަން ޕްލޭން ކުރެވި ދައްކަންޖެހޭ މަންޒަރާއި އަޑު ކުރިން ކަނޑައެޅިފައި އޮތީމަ އެވެ. ވެރިކަމުގައި ތިއްބަވާއިރު މިއަދު އެބޭފުޅުންނަށް ޑިމޮކްރެސީއަކީ އެއީ ކަމަށް ވެދާނެ އެވެ.

ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި ޕީޕީއެމްގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ ކައިރީގައި މުޒާހަރާކުރަނީ

އިދިކޮޅުގެ އަޑު ކަނޑުވާލާ، ސެންސަރުކޮށް، މުޅި ގައުމުބަންދުކޮށް ރައްޔިތުންނަށް ވަރަށް ރީތިކޮށް ފަށުވިކޮށް ރައީސް ބަޔާން ދެއްވިތަން ދައްކައިފި އެވެ. ޑިމޮކްރެސީއާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ނަމޫނާކަމަށް ދައުވާ ކުރި އެންމެން ކުރިން ކީހާޅެން ފަރިއްސަށްވީ އެވެ.