ގޭތެރޭގައި ގަސް އިންދުމަކީ އުފާވެރިކަމާއި ހިތް ހަމަޖެހުން ގެނުވާ ކަމެކެވެ. އެ ސަބަބައްޓަކައި ވަރަށް ގިނަ ފަރާތްތަކުން ގޭގެ އެކި ތަންތަނުގައި ގަސް އިންދައި އުޅެ އެވެ. އެގޮތުން ގޭގެ ޓެރަހާއި ނިދާ ކޮޓަރި، ފާހާނާ އާއި ބަދިގެ އަދި ސިޓިން ރޫމް ފަދަ ތަންތަނުގައި ގަސް އިންދާ މީހުން ވަކި މަދެއް ނޫނެވެ.

އެހެން ނަމަވެސް ގިނަ މީހުން މިކަން ކުރަނީ އެކަމުން ލިބޭ ސިއްހީ ފައިދާތައް ނޭނގި އެވެ. އެފަދަ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ.

ސްޓްރެސް ފިލުވައިދޭ

ދުވާލުގެ ބުރަ މަސައްކަތަށް ފަހު ގެއަށް އެނބުރި ވަންނަ އިރު، ގުދުރަތީ ފެހި ކަމުން ގޭތެރެ ޖަރީ ވެފައި ހުރުމަކީ ހިތަށް ހަމަޖެހުން ގެނުވައިދޭ ކަމެކެވެ. ބޮލަށް ވެރިވެފައިވާ ހާސްކަމާއި ނުތަނަވަސްކަން ކުޑަ ކޮށްދޭނެ ކަމެކެވެ. މޫނު މައްޗަށް ހިނިތުންވުން ގެނުވާނެ ކަމެކެވެ.

ލޭގެ ޕްރެޝަރު ދަށްކޮށްދޭ

ދިރާސާތަކުން ދައްކާގޮތުގައި، ބަލި މީހެއްގެ ކޮޓަރީގައި ގަހެއް އިންދާފައި ހުރެއްޖެ ނަމަ ނުވަތަ ގަސް ޕޮޓެއް ހުރެއްޖެ ނަމަ އެމީހެއްގެ ލޭގެ ޕްރެޝަރު، ގަސް ޕޮޓެއް ނެތް ކޮޓަރިއެއްގައި އޮތް ބަލިމީހެއްގެ ލޭގެ ޕްރެޝަރަށް ވުރެ ދަށްވާނެ އެވެ. އެހެންކަމުން ބަލި މީހުންގެ ކޮޓަރިތަކުގައި ގަސް އިންދުން ބުއްދިވެރި އެވެ.

ބަލިތަކުން ރަނގަޅު ކޮށްދޭ

ދިރާސާތަކުން ދައްކާ ގޮތުގައި ބަލި މީހާގެ ކޮޓަރީގައި ގަހެއް އިންދާފައި ހުރެއްޖެ ނަމަ ނުވަތަ ގަސް ޕޮޓެއް ހުރެއްޖެ ނަމަ، އެމީހަކު ބަލިން ފަސޭހަވުން ގަސް ޕޮޓެއް ނެތް ކޮޓަރިއެއްގައި އޮތް ބަލިމީހަކަށް ވުރެ އަވަހެވެ.

ނިދަން ފަސޭހަ ކޮށްދޭ

މީރުވަސް ދުވާ މާ ގަހުންނާއި ފެހިކަން ގަދަ ގަސްތަކުން ކޮޓަރި ޒީނަތްތެރި ކުރުމަކީ ހިތަށް ފިނިކަމާއި އުފާވެރިކަން ގެނެސް ނިދުމަށްވެސް ފަސޭހަ ކޮށްދޭނެ ކަމެކެވެ. އެހެންކަމުން، ނިދާ ކޮޓަރި މީރު ވަސް ދުވާ މާގަހުން ޒީނަތްތެރި ކޮށްލުން ރަނގަޅު ވާނެ އެވެ.

ވައި ސާފު ކޮށްދޭ

ކިތަންމެ ރީތިކޮށް ގެ ހަދާފައި ހުރި ނަމަވެސް ގިނަ ގޭގެއަކީ ވައި ސާފުވާ ގޮތަށް ނުވަތަ ވައި ދައުރުވާ ގޮތަށް ހަދާފަ ހުންނަ ގޭގެއެއް ނޫނެވެ. އެހެންކަމުން ވައި ސާފު ކުރުމަށް ގަސް އިންދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން، އޯކިޑާއި ފާން ފަދަ ރީތި ގަސްތަކަކީ ގޭތެރޭގެ ވައި ސާފު ކުރުމަށް ވަރަށް ބޮޑަށް އެހީތެރވެދޭނެ ގަސް ތަކެކެވެ.

ބަރުދަން ލުއި ކުރަން އެހީވެދޭ

ގަސް އިންދުމަކީ ލުއި މަސައްކަތެކޭ ނުބުނެވޭނެ އެވެ. ހާއްސަކޮށް ގޭތެރޭގައި ގަސް އިންދާނަމަ އެއީ ވަރަށް ބުރަ މަސައްކަތެކެވެ. ސަބަބަކީ ކޮންމެ ދުވަހަކު ގަސްތަކަށް ފެންދިނުމާއި، އަވިދޭ ތަންތަނަށް ގަސްތައް އުފުލުމާއި ފާޓިލައިޒް ކުރުމަކީ ކުޑަ ކަމަކަށް ނުވާތީ އެވެ. ނަތީޖާއަކަށްވަނީ ހަށިގަނޑަށް ހަރަކާތް ލިބި ސަރުބީ ވިރުމެވެ. އަދި ބަރުދަން ލުއިވުމެވެ.