އަމީނީ މަގުގެ މިހާރު ތާރު އަޅައިގެން ތަރައްގީ ކުރަމުން އަންނަ ބަޔަކީ ބޮޑެތި ބަސް ދެކޮޅަށް ދުއްވާ ބަޔަކަށްވުމާއެކު މަގު ހެދިގެން ދަނީ އިތުރަށް ފުޅާކުރެވިގެން ކަމަށް އިންފްރާ ސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އަމީނީ މަގުގެ މިހާރު ނުނިމި އޮތް ބައިގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހުގަ އެވެ.

މިއަދު އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ވަނީ އެ މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެންފަ އެވެ.

މަޝްރޫއު ކުރިއަށްދާ ގޮތް ބެއްލެވުމަށް ފަހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ އަމީނީ މަގުގެ މިހާރު ހެދެމުންދާ ބަޔަކީ ބޮޑެތި ބަސް ދެކޮޅަށް ދުއްވާ ބަޔަކަށް ވާތީ އެ މިހާރު ހަދަމުންދާ ބައި ހެދިގެން ދަނީ އިތުރަށް ފުޅާކުރެވިގެން ކަމަށެވެ.

ކުރިއަށް އޮތް ސްކޫލް ޓާމް ފެށުމުގެ ކުރިން ތާރުއަޅާ މަގު ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ނިންމަން ދީފައިވާ ތާރީހަކީ މި އަހަރުގެ ފެބްރުއަރީ މަހެވެ. ނަމަވެސް މިދިޔަ ސަރުކާރުން އެ މަސައްކަތް ނުނިމި ލަސްވުމުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 އަށް އެ މަސައްކަތް ނިންމާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެތާރީހަށް ވެސް މަސައްކަތް ނިމިފައިނުވެ އެވެ.

މި މަޝްރޫއުގެ ދަށުން އަމީނީ މަގުގެ ހެންވޭރު ކޮޅުން ފެށިގެން މާފަންނާ ހަމައަށް ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވާ ވަނީ 84.4 މިލިއަން ރުފިޔާއަށެވެ.