ޗައިނާ އިން ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމައިފި އެވެ.

ޗައިނާގެ ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާކަން މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައި ދަންނަވާފައިވާނެ ކަމަށެވެ.

ޗައިނާއިން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިނެވެ.

ފޮރިން މިނިސްޓްރީން ވެސް ވަނީ ޗައިނާއިން 100،000 ޑޯޒުގެ ކޮވިޑް ވެކްސިން ރާއްޖެއަށް ހަދިޔާކުރަން ނިންމިކަން ހާމަކޮށްފަ އެވެ. އަދި އެކަމަށްޓަކައި ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އަވަށްޓެރި އިންޑިއާ އިން ވެސް ރާއްޖެއަށް ހަދިޔާ ކުރީ އެ ގައުމުގައި އުފެއްދި ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ.

ޗައިނާ އިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންގެ 5،000 ޑޯޒް ހެޔޮ އެދޭ ފަރާތަކުން ދާދިފަހުން ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފަ އެވެ.

މި މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ވަނީ ކޮވިޑް ވެކްސިން ޖަހަން ފަށާފަ އެވެ. މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ޖަހާފަ އެވެ.

ޗައިނާ އިން ކޮވިޑަށް އުފެއްދި ވެކްސިން މިހާރު ބައެއް ގައުމުތަކުގައި ވަނީ ދޭން ފަށައިފަ އެވެ.