އދ. ދިގުރަށުގައި ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސްފި އެވެ.

ވިހެއުމަށް ފަހު ފޫޅު ނުކަނޑާ ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ އެ ތުއްތު ކުއްޖާ ފެނުނީ މި މަހުގެ 3 ގަ އެވެ. އެހެންވެ، އެ ކުއްޖާގެ ހަށިގަނޑު އެ ރޭ މާލެ ގެނެސް، ގަލޮޅު މޯޗަރީގައި ބޭއްވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުއްޖާ މަރުވި ގޮތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް މި މަހުގެ 16 ވަނަ ދުވަހު އިންޑިއާއަށް ގެންދިއުމަށް ފަހު، މިދިޔަ ހުކުރު ދުވަހު އަނބުރާ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ.

ކުއްޖާ މަރާލައި އެއްލައިލިކަމުގެ ތުހުމަތަށް ހަމަ އެ ދުވަހު ހައްޔަރުކޮށްފައިވަނީ އެ ރަށު ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ސްރީ ލަންކާގެ އުމުރުން 30 އަހަރުގެ އަންހެނެކެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ އޭނާ ފުރައިގެން ދާން އުޅެނިކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންނެވެ.

އެ އަންހެން މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.