ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (އައްޑޫ ޝަރީފު) އާއެކު ސަރުކާރުން "ޑީލެއް ހަދައި" މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ ހައި ކޮމިޝަނަރު މަރިޔަމް މިޒްނާ ޝަރީފު, އެ މަގާމުގައި ބެހެއްޓުމަށް މި ސަރުކާރުން ނިންމައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ޝަރީފު ހެދި ޑީލްގެ ދަށުން އެމްޑީޕީން ވަކިވުމަށްފަހު ޕީއެންސީއާ ގުޅުމަށް ވަނީ ނިންމައިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު، ބޭރުގައި ހުންނަ ދިވެހި ހައި ކޮމިޝަންތަކާއި އެމްބަސީތަކުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ނޮވެމްބަރު 18 ގެ ކުރިން ރާއްޖެ ވަޑައިގަތުމަށް ފޮރިން މިނިސްޓްރީން އޭރު އެނގި އެވެ. އަދި ޑިސެމްބަރުގެ ނިޔަލަށް އެ ބޭފުޅުންގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލް ވާނެ ކަން ވެސް ފޮރިން މިނިސްޓްރީން އެންގި އެވެ.

އެ މިނިސްޓްރީން އޭރު އެކަން އެތަންތަނުގައި ތިބި ސިޔާސީ މުވައްޒަފުންނަށް އެންގީ ރައީސް މުއިއްޒު ބޭނުންވެގެން އިންތިގާލީ އޮފީހުން ބުނެގެންނެވެ. އެ އެންގުމާއެކު، ދިވެހި މިޝަންތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުގެ މުއްދަތު އިތުރުކޮށް ދެއްވުމަށް އާ ސަރުކާރުގައި އެދުނެވެ.

ނަމަވެސް، ކުރީގެ ސަރުކާރުން އައްޔަނުކޮށްފައިވާ ބޭފުޅުންގެ ތެރެއިން، މިޝަންތަކުގައި އަދިވެސް ތިއްބެވީ ކޮން ބައެެއް ކަމެއް ނުވަތަ އަލުން މަގާމަށް އައްޔަން ކުރެއްވީ ކޮން ބައެއް ކަމެއް ފޮރިން މިނިސްޓްރީން ނުބުނެ އެވެ.

މިޒްނާގެ ވަޒީފާ ދަމަހައްޓަން ފޮރިން މިނިސްޓްރީން މި މަހު 20 ގައި ނިންމައި ލިޔުން ފޮނުވިއިރު، މިޒްނާގެ ބައްޕަ، މެމްބަރު ޝަރީފު ވަނީ އިއްޔެ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.

މިޒްނާއަށް އަހަރަކު ލިބޭ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލް

  • އަސާސާސީ މުސާރަ: 216،000 ރުފިޔާ
  • ރަމަޟާން އެލަވެންސް: 3000 ރުފިޔާ
  • ސްޕެޝަލް އެލޮވެންސް ޓު ދަ ޕޯސްޓް: 118،981 ރުފިޔާ
  • ކޮމިއުޓިން އެލޮވެންސް: 99922 ރުފިޔާ
  • ޑިޕެންޑެންސް އެލޮވެންސް: 1،585،299 ރުފިޔާ
  • އެހެނިހެން: 393،765 ރުފިޔާ
  • ޖުމްލަ: 2،416،917 ރުފިޔާ

މިޒްނާގެ މަގާމުގެ މުއްދަތު އިތުރުކޮށް ދިންކަން ސިޓީ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އޭނާގެ މަގާމު ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިތުރުކޮށްފައި ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހައި ކޮމިޝަންތަކުގެ މަގާމުތަކުގައި ސިޔާސީ ފަރާތްތަކުގެ އާއިލީ މެންބަރުން ތިއްބެވުމުން، މި ސަރުކާރަށް ތާއީދުކުރާ ބައެއް މީހުން ފާޑުކިޔާ ހެދި އެވެ.

އައްޑޫ ޝަރީފު ވަނީ ރައީސް މައުމޫނުގެ ދައުރުގެ ފަހުކޮޅު ހެދި ޑީލެއްގެ ދަށުން އެމްޑީޕީން ޑީއާރުޕީއަށް ބަދަލުވެ، އޭގެ ފަހުން އަނެއްކާވެސް އެމްޑީޕީއާ ގުޅި އަލުން ދެ ފަހަރަށް މަޖިލިސްގެ ގޮނޑި ވެސް ހޯދައިފަ އެވެ.