ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާއާ އެކުގައި ހެދި 100 އެއްބަސްވުން، މި ސަރުކާރުން ހާމަނުކޮށް ލަސް ކުރަމުންދާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސް މަގާމުތަކެއް ފުރުއްވި އައްބާސް އާދިލް ރިޒާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި އައްބާސް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ތިބި އިރު، އެ ހިސާބުތަކުގައި ޖަހާފައި ހުރި ރާޑަރުތައް ބަލަހައްޓަން ވެސް ތިބީ އިންޑިއާ ސިފައިން ކަމަށެވެ. އަދި މި ވާހަކަފުޅު ދައްކަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ލަދުފުޅު ގަންނަ ކަމަށް ވެސް އެއްބާސް ވިދާޅުވި އެވެ.

އައްބާސް ވަނީ ކުރީ ސަރުކާރުން އިންޑިއާއާ އެކުގައި ގާއިމު ކުރި އެއްބަސްވުން ހާމަ ކުރަން ގޮވާލައްވައިފަ އެވެ.

"ރައްޔިތުންނަށް ތި އެއްޗެހި ދައްކަން ވައުދުވެގެން ވަޑައިގެންނެވީ. ދެން ތިޔަ އެއްޗެހި ކައްގަނޑުގެ ތެރެއަށް ލައިގެން ނޫޅުއްވާ އަވަހަށް ދައްކާށޭ." އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވި ގޮތުގައި ރާއްޖެ އާއި އިންޑިއާއާ އެކުގައި ހެދި ހައިޑްރޯގްރަފިކް އެއްބަސްވުމުގައި ވެސް ދިވެހި ސަރުކާރުން ވަނީ މަކަރު ހަދައިފަ އެވެ. ހައިޑްރޮގްރަފީ އެއްބަސްވުން ބާތިލް ކުރި ކަމަށް ދިވެހި ސަރުކާރުން ބުނި ކަމުގައި ވިޔަސް އިންޑިއާ ސަރުކާރުން އެކަމަކަށް އެއްބަސްނުވާ ކަމުގައި އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އެއްބަސްވުންތައް ހާމަނުކުރާ ނަމަ، އޭނާ މަޑުން ނުހުންނަވާނެ ކަމަށެވެ.

އިންޑިއާ ކަނޑުގައި އޮތް ބޯޓަކަށް ޑްރޯން ހަމަލާއެއް އަމާޒުވުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި އައްބާސް ވިދާޅުވީ މިހާރު ވެސް އިންޑިއާ އަށް ތެޔޮ ބޯޓުތައް ދަނީ ރާއްޖޭގެ ސަރަހައްދުތަކުގެ ތެރެއިން ކަމަށެވެ. އެ ބޯޓުތަކަށް ހަމަލާއެއް ދީފިނަމަ، އެއީ ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލަކަށް ވާނެ ކަމަށާއި އެކަމުން ފަތުރުވެރިކަމަށް ވެސް އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.