ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކާފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރާ ނަމަ، ރާއްޖެ އަށް މާ ފައިދާވެފައި ރަނގަޅު ވެސް ވާނެ ކަމަށް އަންނަ މަހު އޮންނަ މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެއިން ވަހީދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަރަށް ގިނަ ހުސް ޖާގަތައް ހުރި ކަމަށާއި އެ ތަނުން ފްލެޓާއި ގޯތި ދެވޭނެ ޖާގަ ވެސް އެބަހުރި ކަމަށެވެ.

"ގާތްގަނޑަކަށް ބުނާ ނަމަ، ހުޅުމާލޭގެ ދެވަނަ ފޭސްގެ ކުޑަކުޑަ ސަރަހައްދެއްގައި، 10 ވަރަކަށް ޕަސަންޓު ކަން ނޭނގެ މިހާރު ބޭނުން ކުރެވެމުން މިދަނީ. ބާކީ 80 ޕަސަންޓު ނޫނީ 90 ޕަސަންޓު މިއޮތީ އަތް ނުލާ. ބޭނުން ކުރައްވަންވީ ނޫންތޯ؟ ރައްޔިތުން ދެކެ ތިހާ ލޯބިވަންޏާ އަޅާ ދޭން ވީނުންތޯ ފްލެޓުތަކާއި ގޯތިތަކާ؟" ހުސެއިން ވަހީދު ވިދާޅުވި އެވެ.

ހުސެއިން ވަހީދު ވަނީ ފުށިދިއްގަރުފަޅު ހިއްކަން ހަވާލު ކުރި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރު ދޭން ނިންމުމާ ގުޅިގެން އެކަމަށް ފާޑު ވިދާޅުވެފަ އެވެ. ސަރުކާރުން ބުނި ގޮތުގައި ސީއެމްސީ އަށް ދީފައި ވަނީ ހުޅުމާލެ އިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން 60 ހެކްޓަރެވެ.

ހުސެއިން ވަހީދު ވިދާޅުވި ގޮތުގައި އެއީ 2،500 އަކަފޫޓޫގެ ގޯއްޗަކުން މިނޭ ކަމަށް ވާ ނަމަ، 3،500 ގޯތީގެ ޖާގަ އެވެ.

ހުޅުމާލެއިން އެންމެ ފަހުން ބިން ވިއްކާފައި ވަނީ 2022 ވަނަ އަހަރު ފަހުކޮޅެވެ. އެއީ އާންމުންނަށް ވިއްކި ގޯތިތަކެވެ. އެފަހަރު ގޯތި ގަތުމަށް އެންމެ ބޮޑު އަގެއްގެ ގޮތުގައި ހުށަހެޅީ އަކަފޫޓަކަށް 6,060 ރުފިޔާ އެވެ. އަދި ހަމަ އެ އަހަރު ކުރީކޮޅު ވިއްކި ގޯތިތަކަށް ހުށަހެޅި އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 9,700ރ. އެވެ.

ފުށިދިއްގަރުފަޅުގެ މަޝްރޫއުގެ އަގު ހާމައެއް ނުކުރެ އެވެ. އެހެންވެ، މި ލިޔުމުގެ ބޭނުމަށްޓަކައި އެ މަޝްރޫއު ހިއްކުމުގެ އަގު މި ކުރަނީ ހުޅުމާލޭ ބިމުގެ އަގުންނެވެ. އެވްރެޖު އަގެއްގެ ގޮތުގައި އަކަފޫޓަކަށް 6،000ރ. ގެ ރޭޓުން އަގުކުރާނަމަ، ހުޅުމާލެއިން ސީއެމްސީއަށް ދޫކުރަން އެއްބަސްވި 10 ހެކްޓަރުގެ ބިމުގެ އަގަކީ 6.5 ބިލިއަން ރުފިޔާ އެވެ.

ފުށިދިއްގަރު ފަޅަކީ ރައީސްގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ ތަނަށްވާއިރު، މި ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ އެ ފަޅު ހިއްކުމުގެ މަސައްކަތްކުރަން ހިމަނައި އެކަން ވަނީ ފަށައިފަ އެވެ.