ވިލިމާލޭގެ ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓު ހިދުމަތުގެ ހާލަތު ދިރާސާކޮށް އެ ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފި އެވެ.
މިއެއްބަސްވުމުގައި އެންވަޔަރުމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ އަބްދުލް މަތީން އެވެ.
ތިން މަސް ދުވަހުގެ އެ އެއްބަސްވުމުގެ މަގުސަދަކީ ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓާއި ފެން އަދި ނަރުދަމާ ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރަން ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
އަދި، ކުރިއަށް އޮތް ތަނުގައި ޑިމާންޑު އިތުރުވާނެ މިންވަރު ދަނެގަނެ، މި ތިން ނިޒާމުގެ އެކި މަރާމާތުތަކަށާއި އަޕްގްރޭޑް ކުރުމަށް ބޭނުންވާ މަަޝްރޫއެއް އެކުލަވާލައި ތަންފީޒުކުރާނެ ގޮތުގެ އެކްޝަން ޕްލޭނެއް ވެސް އެކަށައެޅުން ހިމެނެ އެވެ.
އޭގެ އިތުރުން ވިލިމާލޭގެ ލޭންޑު ޔޫސް ޕްލޭންގެ މައުލޫމާތު އެންވަޔަރަމަންޓު މިނިސްޓަރީ މެދުވެރިކޮށް ފޯރުކޮށްދިނުމާއި ހަކަތައިގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކޮށްދިނުމާއި ސަރުކާރުގެ އެކި މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގައި އެހީތެރިވެދިނުމުގެ އިތުރުން އެއްބަސްވުމުގައި ބުނާ މަޝްރޫއު ތަންފީޒު ކުރުމަށް އެކުލަވާލާ އެކްޝަން ޕްލޭންއަށް އިކޮނޮމިކް ކައުންސިލުން އެންޑޯޒްމަންޓު ހޯޑައިދިނުން އެ އެއްބަސްވުމުގެ ތެރޭގައި ހިމެނެ އެވެ.