މަސާޖިން، ސްޓީމިން، ކްލެންސިން އަދި ކޮންޑިޝަނިން ހިމެނޭ ހެއަރ ސްޕާ ޓްރީޓްމަންޓަކީ އިސްތަށިގަނޑަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާ އެވެ. އެއީ ނުސާފު ވައިންނާއި އަވިން އިސްތަށިގަނޑު ހަލާކުވުމުން ރައްކާތެރި ކޮށްދޭ ކަމެކެވެ. ސެލޫން ނުވަތަ ސްޕާ އަށް ގޮސްގެން ހެއަރ ސްޕާ ޓްރީޓްމަންޓެއް މަދުވެގެން މަހަކު އެއްފަހަރު ނެގުމަކީ އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ޓަކައި މުހިއްމު ކަމެކެވެ.

ނަމަވެސް މިއީ ހަރަދު ހިނގާނެ ކަމެއްކަމުން، ގޭގައި އަމިއްލަ އަށް ހެއާ ސްޕާ ޓްރީޓްމަންޓެއް ނެގޭނެ ގޮތަކަށް މި ލިޔުމުގައި ބަލާލާނަމެވެ.

އޮއިލް މަސާޖް

ކުޑަ ޒައިތޫނި ތެޔޮ ކޮޅެއް ހޫނުކޮށް ބޮލުގައި ހޭކުމަށްފަހު މަސާޖްކޮށްލާށެވެ. މިގޮތަށް މަސާޖް ކުރާއިރު އިސްތަށިގަނޑުގެ ކޮޅަށް ވުރެ ބޮޑަށް ބޮލުގެ ތަލައިގައި މަސާޖްކުރެވޭތޯ ބަލާށެވެ.

ހޮޓް ޓަވަލް ޓްރީޓްމަންޓް

ތުވާއްޔެއް ހޫނު ފެނުން ތެންމައިލުމަށްފަހު ބޮލުގައި އޮޅާލާށެވެ. މިގޮތަށް 10 ނުވަތަ 15 މިނިޓް މަޑުކޮށްލާށެވެ. މިއިން އިސްތަށިތަކުގެ ބުޑުތައް ހުޅުވި އިސްތަށިގަނޑު ތެރެއަށް ތެޔޮ ވަންނާނެއެވެ.

ދޮވުން

ދެން ވީ ބޯ ދޮންނާށެވެ. އާންމުކޮށް ބޭނުން ކުރާ ޝޭމްޕޫއިން ބޯ ދޮވެލާށެވެ. މިހާރު ހުންނާނީ ބޮލުގައި ހުރި ހުރިހާ ހަޑިއެއް ދޮވެވިފަ އެވެ.

ކޮންޑިޝަނިން

އިސްތަށިގަނޑު އޮމާންކޮށް ބޭއްވުމަށް ކުރަން ޖެހޭ އެންމެ މުހިއްމު އެއްކަމަކީ ކޮންޑިޝަން ކުރުމެވެ. ބޮލުގައި ރަނގަޅު ކޮންޑިޝަނެއް ހޭކުމަށްފަހު 15 ނުވަތަ 20 މިނިޓް ބަހައްޓާލާފައި ދޮވެލާށެވެ. މިހާރު އިސްތަށިގަނޑު ހުންނާނީ މަޑުވެ ތާޒާ ވެފައެވެ.