ކަލާޒް ޓީވީއިން މިހާރު ގެނެސްދޭ މަގުބޫލު ރިއަލިޓީ ޝޯ "ބިގްބޮސް 17" މިހަފްތާގައި ހަތަރު ބައިވެރިޔަކު ގެއިން ބޭރުވުމަށް ނޯމިނޭޓް ވެފައިވާއިރު މިހަފްތާގައި ދެ ބައިވެރިޔަކު މި ޝޯއިން ވަކިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ހަފުތާގައި ދެ ބައިވެރިޔަކު "ބިގްބޮސް" ގެއިން ބޭރުކޮށްލުމަށް ޝޯ އުފައްދާ ފަރާތުން ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން ކަލާޒް ޓީވީއިން އަދި ޝޯ އުފައްދާ ފަރާތުން ވެސް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
މިކަން ޔަގީންވެގެންދާނީ މިރޭ ދައްކާ ވީކެންޑް ކާ ވާރު އެޕިސޯޑްގައި އެވެ.
މިހަފްތާގައި ގެއިން ބޭރުވުމަށް ނޯމިނޭޓްވެފައިވަނީ ނީލް ބަޓް އާއި ރިންކޫ ދާވަން އާއި އަބީޝޭކް ކުމާރު އަދި މިދިޔަ ހަފްތާގައި ވައިޓް ކާޑު ބައިވެރިއެއް ގޮތުގައި މިޝޯއާ ގުޅުނު އައިޝާ ޚާން އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހަފްތާގައި ޝޯއިން ވަކިވެގެންދާނީ ނީލް އާއި ރިންކޫ އެވެ.
އެންމެ ފަހު "ބިގްބޮސް" ގެއިން ބޭރުކޮށްލާފައި ވަނީ ޓީވީ ބަތަލާ އަދި ނީލް ބަޓްގެ އަންހެނުން އަންހެނުން އައިޝްވާރިޔާ ޝަރްމާ އެވެ.
މި ހަފްތާގައި ވެސް ބިގްބޮސްއިން އެކި ޑްރާމާތައް ފެނިގެން ގޮސްފަ އެވެ. ދެ ގުރޫޕަކަށް ބެހިގެން ގޮސްފައިވާއިރު މިހަފްތާ ފެށިގެންއައިރު ބިގްބޮސްގެ ކެޕްޓަން ހުރީ އިޝާ މަލްވިޔާ އެވެ. އެހެން ނަމަވެސް މިހަފްތާގެ މެދުތެރެއިން ކެޕްޓަން ޓާކްސް ކާމިޔާބު ކޮށްގެން ކުރިއަށް އޮތް ހަފްތާއަށް ބިގްބޮސް ގޭގެ ކެޕްޓަނަކަށް ހޮވިފައިވަނީ ވައިޓް ކާޑް ގޮތުގައި ޝޯއާ ގުޅުނު ކޭ-ޕޮޕް ލަވަކިޔުންތެރިޔާ އައުރާ އެވެ.
މިދިޔަ ހަފްތާގައި މުނައްވަރު ފާރުގީ ލޯބިވެރިއެއް ކަމަށް ބުނާ އައިޝާ ޚާން ބިގްބޮސް ގެޔަށް ވަނުމުން ބައިވެރިންގެ މެދުގައި އޮތް ގުޅުންތަކަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.
އައިޝާގެ ފަރާތުން ފެނިގެންދިޔަ ބައެއް ކަންތައްތަކުގެ ސަބަބުން ރޭގެ އެޕިސޯޑްގައި ސަލްމާން ޚާން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ސަލްމާން ހިތްހަމަނުޖެހިގެން ވާހަކަ ދެއްކުމުގެ ސަބަބުން އައިޝާގެ ހާލަތު އިތުރަށް ގޯސްވެގެން ކުއްލި ސިއްހީ ފަރުވާ ހޯދަން ޖެހެ އެވެ.
މިރޭގެ އެޕިސޯޑްގައި ހާއްސަ މެހުމާނުންތަކެއް ވަނީ ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
ހަފްތާ ބަންދުގެ އެޕިސޯޑްތައް ސަލްމާން ހޯސްޓް ކުރާއިރު، ބިގްބޮސްގެ ބައިވެރިންގެ ފަރާތުން ފެނިގެންދާ ނުރަގަޅު ކަންތައްތައް ފާހަގަކޮށް އެކަންތައް ރަގަޅު ކުރުމަށް ސަލްމާން ނަސޭހަތް ދޭނެ އެވެ.
މިވަގުތު ބިގްބޮސް ގޭގައި ތިބި ބައިވެރިންގެ ތެރޭގައި ހިމެނެނީ މުނައްވަރު ފާރުގީ އާއި އައިޝާ ޚާން އާއި މަންނަރާ ޗޯޕްރާ އާއި އަރުން ސްރީކާންތު މަހާޝެޓީ، އަބީޝޭކް ކުމާރު އަދި އިޝާ މަލްވިޔާ އާއި ސަމަރުތު އާއި އައުރާގެ އިތުރުން އަންކިތާއާ އެކު އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ވިކީ ޖެއިން އެވެ.