މާލެ އަށް ބޯކޮށް ވާރޭ ވެހި ގިނަ މަގުތަކެއްގައި ފެން ބޮޑުވުމާ ގުޅިގެން އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނެފި އެވެ.

އާރުޑީސީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ އަށް ވެހެމުންދާ ބޯ ވާރެއާ އެކުގައި އަމީނީ މަގުގެ މަސައްކަތް ނުކުރެވި މަޑުޖައްސާލާފައިވާ ކަމަށެވެ.

އަދި އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަކީ ހިނގާ ބިނގާވެ، އުޅުމަށް އާންމުންނަށް ރައްކާތެރި ސަރަހައްދަކަށް ނުވުމާ އެކު، އެ ސަރަހައްދަށް އާންމުން ނުވަނުމަށް ވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް މެދުކަނޑާލި އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށީ މި މަހުގެ 9 ގަ އެވެ. މީގެކުރިން ކުރި މަސައްކަތުގައި އިއްޒުއްދީން މަގާ ހަމައަށް އަމީނީ މަގު ވަނީ ހަދައިފަ އެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ އަގަކީ 84.4 މިލިއަން ރުފިޔާ އެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭނެ އެވެ.