ބޮލީވުޑްގެ އަސަރުގަދަ ލޯބީގެ ފިލްމު ފްރެންޗައިޒް "އާޝިގީ"ގެ ތިންވަނަ ފިލްމުގެ ޝޫޓިން މިއަހަރު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިފިލްމުގެ ލީޑް ރޯލުން ކާތިކް އާރިޔަން އާއި ޓްރިޕްތީ ދިމްރީ ފެނިގެންދާއިރު މިފިލްމުގެ ޝޫޓިން މިއަހަރު ފެށިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ގިނަ ބައެއް އިންތިޒާރު ކުރަމުން އަންނަ މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު، އަނުރާގް ބާސޫ އާއި ކުޅަދާނަ ޕްރޮޑިއުސަރު، ބޫޝަން ކުމާރުގެ ގުޅިގެން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

މިފިލްމު ޝޫޓިން މި އަހަރު ކުރީކޮޅު ފަށައި، މި އަހަރު ސިނަމާތަކަށް ގެންނާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

"އާޝިގީ"ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 1990 ގަ އެވެ. އެ ފިލްމުގައި ލީޑު ރޯލުތައް ކުޅުނީ ރާހުލް ރޯއީ އާއި އަނޫ އަގަރުވާލެވެ. އެ ނަމުގައި ދެވަނަ ފިލްމެއް ގެނެސްދިނީ 2013 ވަނަ އަހަރެވެ. ޝްރައްދާ ކަޕޫރާއި އަދީތިޔަ ރޯއީ ކަޕޫރު ލީޑު ރޯލުތައް ކުޅުނު އެ ފިލްމަކީ ވަރަށް ހިޓުވި، ކާމިޔާބު ފިލްމެކެވެ.

އަޝީގީ އަކީ ރީތި ގިނަ ލަވަތަކެއް ވެސް ހިމެނުނު ފިލްމެކެވެ. މަގްބޫލުވި އެލަވަތައް މިއަދު ވެސް ގިނަ ބަޔަކު އަހަ އެވެ.