މާލެ ސަރަހައްދަށް މިދުވަސްކޮޅު ކުރަމުންދާ ގަދަ ވިއްސާރައިގައި މާލޭގެ ގިނަ ގެތަކެއްގައި ފެން ބޮޑުވެގެން އުޅޭތާ އެތައް ގަޑިއިރެއް ފަހުން ސަރުކާރުގެ އިސްވެރިން އެ ގެތަކަށް ވަޑައިގެން މިރޭ "ފިލްމު" ކުޅުއްވައިފި އެވެ.

ރެއިން ފެށިގެން މާލެ ސަރަހައްދަށް ކުރަމުންދާ ގަދަ ވިއްސާރައިގައި މާލެ އާއި ހުޅުމާލޭގެ ވަރަށް ގިނަ މަގުތަކުގައި ފެން ބޮޑުވި އެވެ. އަދި މާލެ އާއި ހުޅުމާލެ ގުޅުވާލަދޭ ލިންކް ރޯޑްގެ ބޮޑު ސަރަހައްދެއްގައި ވެސް ފެން ބޮޑުވެފައިވެ އެވެ.

މާލޭގެ ގެއެއްގައި ފެން ބޮޑުވުމާ ގުޅިގެން އެ ގޭގެ ހާލަތު ރައީސް މުއިއްޒު ބައްލަވާލައްވަނީ. ---

އޭގެ ފަހުން މިއަދު ހެނދުނުން ފެށިގެން ގާތްގަނޑަކަށް ހުރިހާ މަގުތަކެއްގައި އާދަޔާ ހިލާފަށް ފެން ބޮޑުވެ، ހިނގާބިނގާވެ އުޅުމާއި ދަތުރުފަތުރު ކުރުމަށް ވަރަށް ބޮޑަށް އުނދަގޫވެގެން ދިޔަ އެވެ. މާލޭގައި ފެން ހިއްކަން އެމްއެންޑީއެފުން ނުކުތީ ވެސް މިއަދެވެ. އޭގެ އެތައް ގަޑިއިރެއް ފަހުން، މިއަދު އިރުއޮއްސެނިކޮށް ސަރުކާރުގެ ވެރިން ވަނީ އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ ސަރަހައްދުތަކަށާއި ވިއްސާރައިގައި ފެން ބޮޑުވެ ގެއްލުން ލިބުނު ބައެއް ގެތަކަށް ވެސް ޒިޔާރަތް ކުރައްވައިފަ އެވެ.

މާލޭގެ މަގެއްގައި ފެން ބޮޑުވުމާ ގުޅިގެން އެ މަގުގެ ހާލަތު ވަޒީރުން ބައްލަވަނީ

އެގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ބައެއް ވަޒީރުން ވަނީ ގެތަކަށް ޒިޔާރަތް ކުރައްވައި އެ ގެތަކުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވާލައްވައިފަ އެވެ. އެއީ ގާތްގަނޑަކަށް މާލެ ސަރަހައްދަށް ވާރޭވެހި ފެން ބޮޑުވާން ފެށިތާ ގާތްގަނޑަކަށް 24 ގަޑިއިރު ފަހުންނެވެ.

ސަރުކާރުގެ މިހާ ލަހުން ރައްޔިތުންގެ ހާލު ބައްލަވަން ފެއްޓެވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ސަރުކާރުގެ ވެރިންނަށް ފާޑު ކިޔަމުންނެވެ. އަދި ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ހަތް އަހަރާއި މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި ދެ އަހަރު ދުވަހު މާލޭގައި ފެން ބޮޑުވާ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ގެނައުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ބުނެ، ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފެން ވަދެ ގެއްލުންވި ބައެއް ގެތަކުގެ ހާލަތު ބައްލަވާލެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މަގުތައް ހަދާ އިރު، އަޑީގަ ވަރުގަދަ ސްޓޯމް ވޯޓަރ ނިޒާމެއް ގާއިމު ކުރައްވަން ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މާލޭގެ މަގެއްގައި ފެން ބޮޑުވުމާ ގުޅިގެން އެ މަގުގެ ހާލަތު ވަޒީރުން ބައްލަވަނީ

"ހުރިހާ މަގެއް ހަދާއިރު އަޑީގަ ވަރަށް ވަރުގަދަ ސްޓޯމް ވޯޓަރ ނިޒާމެއް ގާއިމްކުރަން ވަރަށް ފަލަ ހޮޅިތަލެއް ލާފަ ވަރަށް ވަރުގަދަ ޕަމްޕިން ނިޒާމެއް ލާފަ. އޭރުން މިފަދަ ސިޗުއޭޝަނެއްގައި ވެސް ގެތައް ސަލާމަތްވެ މީހުންގެ މުދަލާއި ފުރާނަ އާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ވިޔަފާރިތައް އިރާދަކުރެއްވިއްޔާ ސަލާމަތް ކުރެވޭނެ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިފަދަ ކާރިސާއެއްގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ މުދަލާއި ފުރާނައާއި ވިޔަފާރިތަކާއި ހުރިހާ ކަމެއް ރައްކާތެރި ކޮށްދެވޭނެފަދަ ގޮތަކަށް ސަރުކާރުން ކަންތައްތައް ބައްޓަން ކޮށްދެއްވާނެ ކަމަށެވެ.

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން "ޕީއެސްއެމް" އަށް މިރޭ ވިދާޅުވީ މާލެ އަށް ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން މާލޭގެ އާންމު ހާލަތު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭގައި 13 ތަނެއްގައި ޕަމްޕް ޖަހައިގެން ސިފައިން މޫދަށް ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ މިހާރު އެންމެ ބޮޑަށް ހާލުގައި ޖެހިފައި ހުރި އާއިލާތަކުގެ ކަންކަން ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ބެލުމުގެ ދަށުން ދިވެހި ރެޑް ކްރެސެންޓާއި އެމްއެންޑީއެފާއި ފުލުހުންނާ ގުޅިގެން މަސައްކަތްކޮށް ހާލަތު ދެނެގަތުމުގެ އެސެސްމަންޓްތައް ހަދަމުން އަންނަ ކަމަށެވެ.

އެގޮތުން 11 ގޭބިސީއެއްގައި ހިމެނޭ 46 މީހުން ތިން ދުވަހަށް ގެސްޓްހައުސްތަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޖުމްލަ 140 ގެއެއްގެ އެސެސްމަންޓް ހަދަމުން އަންނަ އިރު، އެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ގެސްޓްހައުސް އިން ހިދުމަތް ބޭނުންވާ ކަމަށް އެސެސްމަންޓުން ފެނިއްޖެ ނަމަ އެމީހުންނަށް ވެސް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދެމުން ދާނެ ކަމަށް ޣައްސާން ވިދާޅުވި އެވެ.