އިއްޔެ މާލެއަށް ކުރި ވިއްސާރައާ ގުޅިގެން، އަމީނީ މަގު ހެދުމުގެ މަސައްކަތް މަޑުޖައްސާލާފައި އޮތުމަށްފަހު އަލުން އެ މަސައްކަތް މިއަދު ފަށައިފި އެވެ.
އާރުޑީސީއިން ބުނީ އިއްޔެ މާލެއަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން އަމީނީމަގުގެ މަސައްކަތް މަޑުޖައްސާލި ނަމަވެސް މިއަދު އެސަރަހައްދުގެ މަސައްކަތް ފަށައިގެން ބާރަށް ކުރިއަށްދާ ކަމަށެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުން ދަނީ މަގު ކޮނެގެން ކުރަންޖެހޭ މަސައްކަތެވެ. އެގޮތުން ކޭބަލްތައް ވަޅުލުމާއި، ޕަންޕް ސްޓޭޝަންތައް ހެދުމާއި، ޕޭމަންޓް ކައިރީގައި ޖަހަން ޖެހޭ ގާތައް ޖެހުން ފަދަ މަސައްކަތް ދަނީ ކުރަމުންނެވެ.
އަމީނީ މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ނުނިމި އޮތް ބައިގެ މަސައްކަތް ފެށީ މިދިޔި ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ. 13 ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ސަރުކާރު ބަދަލުވިއިރު ނުނިމި އޮތީ ފަހު ދެ ސެގްމެންޓުގެ މަސައްކަތެވެ. އެއީ އިއްޒުއްދީން މަގު ދިވެހިރާއްޖޭގެ އަޑުން ފެށިގެން މާފަންނާވީ ސަރަހައްދެވެ.
މޫސުންތަންދޭނަމަ ގާތްގަނޑަކަށް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާ އަމީނީ މަގުގެ ބަންދުކޮށްފައިވާ ސަރަހައްދު އާއްމުންނަށް ހުޅުވާލެވޭނެ ކަމަށް އާރްޑީސީއިން ބުނެ އެވެ.
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ އަގަކީ 84.4 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭނެ އެވެ.