ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިނުވާ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން ހާޒިރުވާނެ ތާރީހާއި ގަޑި އާއި ތަން އަންގާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ހައުސިން މިނިސްޓްރީން ބުނީ މިހާތަނަށް ހަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަ ކުރެވޭނަމަ އެ ވުޒާރާއަށް ހުށަހެޅުމުން އެކަން އިސްލާހްކޮށްދެއްވާނެ ކަމަށެވެ.

ގޯތި ދޫކުރުމުގެ މަސައްކަތް އަލުން ފަށްޓަވާފައިވަނީ ގޯއްޗާއި ފްލެޓް ދޫކުރުމުގައި މައްސަލަތަކެއް ހުރުމުން މެދުކަނޑާލާފައި އޮތުމަށްފަހު އެވެ.

ގޯއްޗާއި ފްލެޓު ލިބުނު ފަރާތްތަކަށް މި ހަފްތާގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެތަންތަން ހިއްކުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ގުޅިފަޅާއި، ގިރާވަރު ފަޅުން އިތުރު ބިން ހިއްކުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. އަދި ނިމިދިޔަ ސަރުކާރުން މި ތަންތަނުން ދޫކޮށްފައިވާ ގޯތިތައް އެހެން އެއްވެސް ތަނަކަށް ބަދަލުނުކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީ ވެސް ދޫކޮށްފައިވެ އެވެ.

އެ ބިންތަކުގެ އިތުރުން، ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. ވެރިކަން ނިމުމުގެ ކުރިން، އޭގެ ތެރެއިން ފްލެޓް ލިބޭ 4،000 މީހުން ކަނޑައަޅައި ލިބޭ ފްލެޓް ވެސް ވަނީ ކަނޑައަޅައިފަ އެވެ. މިކަން ކުރި ގޮތާ މެދު ހިތްހަމަނުޖެހި 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވަނިކޮށް، ފްލެޓު ދޫކުރުމުގެ ކަންކަން އޭސީސީން ވަނީ ހުއްޓުވައިފަ އެވެ.