މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ވިސްނަމުން އަންނަ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ދަޑިމޮކްރެޓްސްގެ ފާރަތުން ވާދަކުރެއްވި އިލިޔާސް ލަބީބްގެ ރަނިންމޭޓްކަން ވެސް ކުރެއްވި އަމްރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހަށް ނުކުތުމަށް ވިސްނަމުންދާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ޕާޓީއާއެކު މަޝްވަރާތައް ކުރައްވަމުންދާ ކަމަށެވެ. ގިނަ ބައެއްގެ އެދުމުގެ މަތިން އަމްރު ވާދަކުރައްވަނީ ގަލޮޅު އުތުރު ދާއިރާއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގަލޮޅު އުތުރަކީ ގޭދޮށް ވީމަ އެ ދާއިރާއަށް ނުކުންނަން ޕާޓީ އާއެކު މަޝްވަރާ ކުރަމުންމިދަނީ،" އަމްރު ވިދާޅުވި އެވެ.

އަމްރު ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް ވިސްނަމުން އަންނައިރު މިހާރު އެދާއިރާގެ މެމްބަރަކީ އިވާ އެވެ. އިވާ ވެސް ވަނީ މަޖިލީހަށް ކުރިމަތިލައްވާނެ ހާމަކުރައްވާފަ އެވެ.

އީވާ އާއި އަމްރަކީ ވެސް ޑިމޮކްރެޓްސް އަށް ނިސްބަތްވާ ދެބޭފުޅުންނެވެ. އީވާ އެ ގޮނޑި ފުރުއްވާ މިއީ ތިންވަނަ ދައުރެވެ.

ދާދިފަހުން ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ރައީސްކަމަށް ވެސް އަމްރު ވާދަކުރެއްވި އެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވީ އެޕާޓީގެ ފައުންޑާ ހަސަން ލަތީފެވެ

ދަ ޑިމޮކްރަޓްސްގެ ފަރާތުން ރައްޔިތުން މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުގެ ޕްރައިމަރީއަށް ހުޅުވާލާފައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 4:00އާ ހަމައަށެވެ.

ދަ ޑިމޮކްރެޓްސްއިން އިތުރަށް ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާއަށް ހުޅުވާލާނީ ފެބްރުއަރީ 6 ވާ އަންގާރަ ދުވަހު ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރުމަށް އެދި އެންމެ މެމްބަރަކު ކުރިމަތިލާ ދާއިރާތަކުގައި، ޕްރައިމަރީއަކާ ނުލާ އެ މެމްބަރަކަށް ޕާޓީގެ ޓިކެޓް ހަވާލުކުރެވޭނެކަން ދަ ޑިކޮމްރެޓްސްއިން ވަނީ ފާހަގަކޮށްފަ އެވެ.