ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރަށް ޕާޓީ ފެނުނީ ރިޔާސީ އިންތިހާބު ކާމިޔާބުވި ހިސާބުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްގެ މެމްބަރުންނަށް ދިމާވި އެންމެ އުނދަގޫ ވަގުތަކީ ފާއިތުވި ފަސް އަހަރު ކަމަށެވެ. ނަމަވެސް އޭރު އާޒިމާ އެ ޕާޓީގައި ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އާޒިމާ ކުރިން ދައްކަވާފައިވާ ވާހަކަތައް ހަނދާންކޮށްދިނުމުގެ ގޮތުން ޑރ. ޖަމީލް ވިދާޅުވީ ކަނޑުވިއްކުމާ ދެކޮޅަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ތިމަންނާއަކީ މިހާރު ސިޔާސީ މީހެއް ނޫން ކަމަށް އާޒިމާ ވިދާޅުވި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އާޒިމާގެ އަމަލުތަކަކީ އާ ކަމެއް ނޫން ކަމަށާއި 2013ގައި އޭނާގެ ފަރާތުން ފެނުނީ އެފަދަ މަންޒަރެއް ކަމަށެވެ.

"ރައީސް ޔާމީނަށް ޕާޓީއިން ރިޔާސީ ޓިކެޓް ދިނުމުން ވިދާޅުވީ މިފަހަރު ތާއީދުކުރެވެން ނެތޭ. ދާނީ ކާނަލް ނާޒިމާއެކު ކަމަށް. އެހެން ހެއްދެވީ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޔާމީން މިނިވަން ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާ އެކު މަކަރުވެރި ރޭވުމުގައި ހިމެނޭ ތިން ވަނަ ފަރާތަކީ އާޒިމާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޑރ. ޖަމީލް ވަނީ ރައްޔިތުން މިފަހަރު ސަރުކާރު ކެންޑިޑޭޓަށް ނޫނެކޭ ބުނެ ޔާމީނު ތާއީދު ކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު މޭޔަރު ކަމަށް ހޮވައިދިނުމަށް އިލްތިމާސްކުރައްވާފަ އެވެ.