މީޑިއާނެޓްގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ވެބް ސީރީޒް "ގަރީނާ"ގެ ފުރަތަމަ ސީޒަންގެ ފަހު އެޕިސޯޑު މިރޭ އެމްއެސް ވީޑިއޯ ކްލަބުން ސްޓްރީމު ކުރެވިގެންދާނެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ޕްރިމިއާ ކޮށްފައިވާ މިސީރީޒަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ ސީރީޒެކެވެ. މި ސީރީޒްގެ 12 އެޕިސޯޑް މިހާތަނަށް ރިލީޒްކޮށްފައިވާއިރު މިރޭ ސްޓްރީމު ކުރެވިގެންދާ ތޭރަވަނަ އެޕިސޯޑުން ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބިގެންދާނެ އެވެ. އަދި ފޮރުވިފައިވާ ހުރިހާ ސިއްރުތަކެއް ވެސް މިރޭގެ އެޕިސޯޑުން ފަޅާ އަރާނެ އެވެ.

އިންވެސްޓިގޭޝަން ތްރިލާއެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ މި ވާހަކައިގައި ދައްކުވައިދޭނީ އިންވެސްޓިގޭޓިވް ނޫސްވެރިއެއް ކަމަށްވާ ޝިމްލާ ރާއްޖޭގެ ރަށަކަށް ގޮސް މަރުގެ ކޭހެއް ތަހުގީގުކުރަން އުޅޭތަނެވެ. ނޫސްވެރިކަމުގެ ދާއިރާއިން އެކި ކަހަލަ އެވޯޑުތައް ލިބިފައިވާ ޝިމްލާ އަތޮޅުގެ ރަށަކަށް ދަނީ ކުޑަ ކުއްޖެއްގެ މަރާ ގުޅިގެން އެކަމުގެ ހަގީގަތް ހޯދުމަށެވެ.

ޝިމްލާގެ ދަތުރުގައި ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރެއް ކަމަށްވާ ރިލްވާން އެހީތެރިވެދެ އެވެ. ނަމަވެސް ކޭހުގެ މައުލޫމާތު އެއްކުރަމުންދާ މިންވަރަކަށް މިއީ ޝިމްލާގެ ކެރިއަރުގައި ވެސް އެންމެ އުނދަގޫ މަސައްކަތަކަށް ވާން ފަށަ އެވެ. އަދި، ކޮންމެ ހަގީގަތަކާ އެކު އިތުރު ސިއްރުތަކެއް ތެރެއަށް ޝިމްލާ ދަތުރުކުރާ މަންޒަރު މި ޝޯއިން ފެންނާނެ އެވެ.

ޝިމްލާގެ ރޯލުން މި ޝޯގައި ފެނިގެންދާނީ މަރިޔަމް މަޖުދާ އެވެ. ޝޯގެ އިތުރު ރޯލުތަކުން ފެނިގެންދާނީ މުހައްމަދު ފައިސަލާއި އަލީ ފާރޫގާއި އަލީ މުޝަރައްފުގެ އިތުރުން އައިޝާ އަލީއާއި މަރިޔަމް ހަމީދާއި އަންޝާމް މުހައްމަދާއި މަރިޔަމް ވަހީދު އަދި އަލީ ޝަޒްލީމެވެ.

މީޑިއާނެޓުގެ އޮރިޖިނަލް މި ސީރީޒް ޕްރޮޑިއުސް ކުރަނީ އެއްކާފް އިންނެވެ. ޑައިރެކްޓަރަކީ މުހައްމަދު ފައިސަލް އެވެ.

https://www.youtube.com/watch?v=5qLTYploXUQ

މީޑިއާނެޓުން ބުނީ މި ސީރީޒްގެ ފުރަތަމަ ސީޒަންގެ ހުރިހާ އެޕިސޯޑެއް މީޑިއާނެޓުގެ އެމްއެސް ޓީވީ، އެމްއެސް ލައިޓް، އެމްއެސް ޑިޖިޓަލް އަދި އެމްއެސް ގްލޯބަލް ހިދުމަތް ބޭނުންކުރާ މީހުންނަށް ޓީވީ، ޓެބްލެޓް އަދި މޯބައިލް ފޯނުގެ ޒަރިއްޔާއިން ބެލޭނެ ކަމަށެވެ. އަދި މި ހިދުމަތްތައް ބޭނުންކުރާ މީހުންނަށް އެއްވެސް ސަބްސްކްރިޕްޝަނަކާ ނުލާ 'ގަރީނާ'ގެ ފުރަތަމަ ދެ އެޕިސޯޑު ހިލޭ ބެލޭނެ ކަމަށްވެސް މީޑިއާނެޓުން ބުނެ އެވެ.

މީޑިއާނެޓުގެ ވީޑިއޯކްލަބް ހިދުމަތް އަންނަނީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންނެވެ.