މާލޭ ސިޓީގެ މޭޔަރު ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރަށް ޖިނާއީ ދައުވާ އުފުލިތާ ފަސް އަހަރުވީއިރުވެސް އެ މަައްސަލައިގެ އަޑުއެހުންތައް ނުފެށެ އެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އުފުލައި އާޒިމާގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނީ 17 ފެބްރުވަރީ 2019ގަ އެވެ.

އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދިވެސް ނުފެށެ އެވެ. މި މައްސަލައިގެ އަޑުއެހުންތައް ނުފަށައި ދުގުދެމިގެންދަނީ ކީއްވެ ކަމެއް ކްރިމިނަލް ކޯޓުން ވެސް ހާމައެއް ނުކުރެ އެވެ.

މީގެކުރިން ތާވަލްކުރި ބައެއް އަޑުއެހުންތަކަށް ހާޒިރުވެވަޑައިނުގެން އާޒިމާ ވަނީ މެޑިކަލް ސެޓްފިކެޓް ވެސް ހުށަހަޅުއްވާފަ އެވެ.

އިސްލާމިކް ބޭންކުން އާޒިމާ ނެގި ލޯނަށް ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާ ދައްކަން ދާދިފަހުން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެ ހުކުމާ ގުޅިގެން އާޒިމާ ވިދާޅުވީ ހުކުމް ކޮށްފައި ވަނީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ. އަދި އެއީ އޭނާއަށް ދިން ޒާތީ ހަމަލާއެއް ކަމަށް ވެސް އާޒިމާ ވަނީ ވިދާޅުވެފަ އެވެ.