ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކުރި ފިލްމީ ތަރި މުހައްމަދު ޔުނާން ހުޅުމާލެ ކޯޓުން ދޫކޮށްލަށް ނެރުނު އަމުރު ހައިކޯޓުން ބާތިލްކުރުމާ ގުޅިގެން އަލުން އޭނާ ހައްޔަރުކޮށްފި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އަދި މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ހުޅުމާލޭ ކޯޓުން ޝަރުތުތަކާ އެކުގައި ޔުނާން ދޫކޮށްލީ މި މަހު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔުނާން ބަންދުން ދޫކޮށްލީ ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށް ޝަރުތުކޮށްފައި ވިޔަސް އޭނާ ގެއިން ބޭރުގައި އުޅެ އެވެ. ގެއިން ބޭރަށް ނުދިއުމުގެ އިތުރުން ކޯޓުގެ ހުއްދަ ނެތި ފުރައިގެން ނުދިއުމާއި ދިރިއުޅޭ ތަން ކޯޓަށް އެންގުން ފަދަ ޝަރުތުތަކެއް ވެސް ޔުނާންގެ މައްޗަށް ކޮށްފައިވެ އެވެ.
ހައި ކޯޓުގެ ނިންމުމުގައި ވަނީ އޭނާ ބަންދުކޮށްދިނުމަށް އެދި އަލުން ހުށަަހަޅައިފި ނަމަ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ ކޯޓުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އަދި މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އެ މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް އުފުލާފައިވާ އިރު، ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.
ޔުނާން އަކީ 2017 ގެ ފިލްމު "ބޮސް" އިން މަޝްހޫރުވި އެކްޓަރެކެވެ.
މި މައްސަލާގައި ޔުނާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 110 އަހަރާއި 133 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭނާގެ އަނބިމީހާ ރިހުލާގެ މައްޗަށް އުފުލި ހުރިހާ ދައުވާއެއް ސާބިތުވާނަމަ 50 އަހަރާއި 61 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.