ޔަންގޮން (6 ފެބްރުއަރީ) - މިޔަންމާގައި މިދިޔަ ހަފުތާގައި ގެނައި ބަޣާވާތާ ދެކޮޅަށް އެގައުމުގެ ރައްޔިތުން މުޒާހަރާތައް ފެށުމާއެކު އިންޓަނެޓްގެ ހިދުމަތް ކަނޑާލައިފި އެވެ.

އިންޓަނެޓްގެ ހިދުމަތް މޮނިޓާކުރާ ނެޓްބްލޮކް އިންޓަނެޓް އޮބްޒަވޭޓަރީ ގްރޫޕުން ބުނީ މިޔަންމާގެ ބައެއް ސަރަހައްދުތަކުގައި އިންޓަނެޓްގެ ހިދުމަތް އެއްކޮށް ކެނޑިފައިވާ ކަމަށާއި އަދި އަނެއްބައި ހިސާބުތަކަށް އެ ހިދުމަތް ލިބެނީ ވަރަށް ކުޑަކޮށް ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި އާންމު އިންތިހާބުގައި މަކަރު ހެދިކަމަށް ތުހުމަތުކޮށް، ޑިފެކްޓޯ ލީޑަރު އަންގް ސަން ސޫކީއާއި ވެރިކަންކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީގެ އިސްވެރިންތައް ސިފައިން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އަސްކަރިއްޔާއިން ވަނީ ގައުމުގެ ބާރުތަކާ ހަވާލުވެފަ އެވެ.

ބަޣާވާތާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން ނުކުތުމަށް ސޫކީގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީގެ އޮފިޝަލުން ވަނީ ގޮވާލާފަ އެވެ. އަދި މިކަމާ ގުޅިގެން އެއްވުންތައް ބޭއްވުމަށް އިންތިޒާމް ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ކަމަށްވާ ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާ ބޭނުން ނުކުރެވޭނެހެން އަސްކަރިއްޔާއިން ވަނީ ބްލޮކްކޮށްފަ އެވެ.

އަސްކަރިއްޔާގެ އޮފިޝަލުން ވިދާޅުވީ އެ ގައުމުގައި މި އެޕްލިކޭޝަންތައް ބޭނުން ނުކުރެވޭނެހެން ބްލޮކް ކުރަންޖެހުނީ ގައުމުގެ ހަމަނުޖެހުން ނަގާލަން ބަޔަކު މަސައްކަތްކުރާތީ އެކަންކަން ހުއްޓުވުމަށާއި އެ މީހުންނަށް އެ ފުރުސަތު ނުދިނުމަށެވެ.

ނަމަވެސް ގިނަ މީހުން ވަނީ ވީޕީއެން ބޭނުންކޮށްގެން މި އެޕްލިކޭޝަން ބޭނުންކުރެވޭނެ ގޮތް ހޯދާފަ އެވެ. އަދި މުޒާހަރާތަކަށް މީހުން ނުކުތުމަށް ވެސް ވަނީ ގޮވާލާފަ އެވެ. މިގޮތުން މަގުމައްޗަށް މުޒާހަރާކުރުމަށް ނުނިކުތަސް ބަޣާވާތާ ދެކޮޅުކަން ހާމަކުރުމަށް އެގައުމުގެ ނަރުހުންނާއި، ޓީޗަރުންނާއި، އަދި ކިޔަވާކުދިން ވަނީ ހަރަކާތްތަކެއް ކުރިއަށްގެން ގޮސްފަ އެވެ.

އިއްޔެ ހެނދުނު އެ ގައުމުގެ ފެކްޓްރީތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ކިޔަވާކުދިން ވަނީ ވެރިރަށް ޔަންގޮންގެ މަގުތަކުގައި ހިނގާލުމެއް ބާއްވާފަ އެވެ. އަދި މިހިނގާލުމުގައި ހައްޔަރުކޮށްފައިވާ އެގައުމުގެ ލީޑަރު އަންގް ސަން ސޫކީ ވަގުތުން ދޫކުރުމަށް ވަނީ ގޮވާލާފަ އެވެ. އަދި އެ މީހުން އަޑުއުފުލަނީ އަންނަން އޮތްޖީލުތަކަށް މިޔަންމާ އަކީ އަސްކަރިއްޔާގެ ނުފޫޒާއި ބާރުން ސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައި ރައްދުކުރުމަށް ކަމަށާއި، މިފަދަ މީހުންނަށް ފުރުސަތު ދީގެންނުވާނެ ކަމަށް އަޑުއުފުލާފައިވެ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ މަގު ބަންދުކޮށްގެން ތިބި ފުލުހުންނަށް ފެންފުޅިތަކާއި، ފިނިފެންމާ ބަހައި ފުލުހުން ވެސް އަސްކަރިއްޔާގެ އެންގުންތަކަށް ބޯނުލެނބުމަށް ގޮވާލައި އެ މީހުންނާ ގުޅުމަށް ގޮވާލާފަ އެވެ.

މިޔަންމާގައި އިންޓަނެޓްގެ ހިދުމަތްތައް ބްލޮކްކުރުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކި ޖަމާއަތްތަކުން ވަނީ މިކަން ކުށްވެރިކޮށްފަ އެވެ. އަދި މިޔަންމާގައި މޮބައިލް ނެޓްވޯކްގެ ހިދުމަތްދޭ ކުންފުނިތަކުން އަސްކަރިއްޔާގެ އެންގުންތަކަށް ބޯނުލެނބުމަށް ވެސް ވަނީ ގޮވާލާފަ އެވެ.