ރާއްޖެ އިން "ޗައިނާ ވަން" ސިޔާސަތުގައި ދެމިތިބޭނެ ކަމަށާއި ޓައިވާންއާ އެކީގައި ރަސްމީ އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ދިވެހި ސަރުކާރުން ރޭ ބުނެފި އެވެ.
ޓައިވާނުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިހާބު ޗައިނާއާ ދެކޮޅު ކެންޑިޑޭޓް ލައި ޗިންގް ޓޭ ވަނީ ކާމިޔާބުކޮށްފަ އެވެ. ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އިންތިހާބު ކާމިޔާބު ކުރުމުން ބައެއް ގައުމުތަކުން ވަނީ ލައި ޗިންގް އަށް މަރުހަބާ ކިޔައިފަ އެވެ. ޓައިވާނުން ވެރިއަކު އިންތިހާބު ކުރިއިރު، ޗައިނާ އިން އެކަމެއް ގަބޫލެއް ނުކުރެ އެވެ. ޗައިނާ އިން ގަބޫލު ކުރާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. ޓައިވާނަކީ ވަކި ގައުމެއްގެ ގޮތުގައި ދުނިޔޭގެ ބައެއް ގައުމުތަކުން ވެސް ބަލައިނުގަނެ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި އޮތީ "އެންމެ ޗައިނާއެއް" ކަމަށާއި، ޗައިނާ ސަރުކާރަކީ މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ގާނޫނީ ސަރުކާރު ކަމަށެވެ. ޓައިވާނަކީ ޗައިނާގެ ސަރަޙައްދުން ވަކިނުކުރެވޭނެ ބައެއް ކަމަށެވެ.
ޗައިނާގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމަށް އުނިކަން އަންނަ ފަދަ އެއްވެސް ވާހަކައެއް ނުވަތަ އަމަލަކާ ރާއްޖެއިން ދެކޮޅު ހަދާނެ ކަމަށާއި ޓައިވާންގެ މިނިވަންކަން ކަމާއި، ވަކިވެގަތުމުގެ ހުރިހާ ހަރަކާތަކާ ރާއްޖެ ވެސް ދެކޮޅު ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޓައިވާނާ އެކު އެއްވެސް ބާވަތެއްގެ ރަސްމީ ގުޅުމެއް ނުބާއްވާނެ ކަމަށެވެ. އަދި އެއްވެސް ސަބަބަކާހުރެ ޗައިނާގެ ދާހިލީ ކަންކަމަށް ބޭރުގެ ނުފޫޒު ފޯރުވުމާ ރާއްޖެއިން ދެކޮޅު ކަމަށާއި ގައުމީ އެއްބައިވަންތަކަން ހާސިލްކުރުމަށް ޗައިނާއިން ކުރާ ހުރިހާ މަސައްކަތަކަށް ރާއްޖެއިން ތާއީދުކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެމެރިކާ އަކީ ޗައިނާ އާ ދެކޮޅަށް ޓައިވާނަށް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދޭ ގައުމެވެ. ނަމަވެސް އެމެރިކާ އިން ވެސް ބަލައިގަންނަނީ ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައެވެ. އދ. އިން ބަލައިގެންފައިވާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ.