މެޗުގެ އިތުރު ވަގުތުގައި އެވަޓަންގެ ފޯވަޑް ޑޮމިނިކް ކެލްވާޓް ލުވިން ޖެހި ލަނޑާއެކު، އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ 3-3 އިން އެއްވަރުވެއްޖެ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓަޑުން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. މެޗުގެ 24 ވަނަ މިނިޓުގައި ޔުނައިޓަޑަށް ލީޑު ހޯދައިދިނީ އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީ އެވެ. އަދި ބްރޫނޯ ފެނާންޑޭޒް ވަނީ 45 ވަނަ މިނިޓުގައި ލަނޑު ޖަހައި، އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ކުރީކޮޅު ޔުނައިޓަޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ހެދި މިސްޓޭކެއްގެ ފައިދާ ނަގައި، އެވަޓަންގެ އަބްދުލްލާޔޭ ޑޮކޫރޭ ވަނީ އެ ޓީމަށް ލަނޑު ޖަހައިދީފަ އެވެ. އަދި މާގިނައިރުތަކެއް ނުވެ، އެވަޓަންގެ ހާމެސް ރޮޑްރިގޭޒް ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަވި އެވެ.
ޔުނައިޓަޑްގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ މެޗުގެ 70 ވަނަ މިނިޓުގައި އެ ޓީމަށް އަލުން ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކެލްވާޓް ލުވިން ޖެހި ލަނޑާއެކު، ޔުނައިޓަޑުން ފުއްދާލަން ޖެހުނީ އެއް ޕޮއިންޓަށެވެ.
މި މެޗުން މޮޅުވެގެން، ލީގުގެ އެއްވަނަައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު ޔުނައިޓަޑަށް އޮތެވެ. އެކަަމަކު މެޗަށް ފަހު ޔުނައިޓަޑްގެެ ކޯޗު އޮޮލޭ ގަނާ ސޮލްސަޔާ ބުނީ ޔުނައިޓެޑަކީ ލީގު ޗެމްޕިއަންކަމަށް އަމާޒު ހިފާފައިވާ ކްލަބެއް ނޫން ކަމަށެވެ.
"ޓީމެއްގެ ގޮތުގައި ކުރިއެރުންތަކެއް ލިބިއްޖެ. އެކަަމަކު ލީގު ޗެމްޕިއަންކަން ހޯދުމުގެ ވާހަކަ އަދި ނުދައްކަން،" ސޮލްސަޔާ ބުންޏެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެސްޓަން ވިލާ ވަނީ 1-0 އިން އާސެނަލް އަތުން މޮޅުވެފަ އެވެ. ބާންލީ އާއި ބްރައިޓަން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ނިއުކާސަލް ޔުނައިޓަޑް އަތުން ސައުތުހެމްޕްޓަން އަތުން 3-2 އިން މޮޅުވެފަ އެވެ. ފުލަމް އާއި ވެސްޓް ހޭމް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ. – ބީބީސީ