ބެލެނި ވެރިޔަކު އޭނާގެ ފޭސްބުކްގައި ލިޔުނެވެ. "އިމްތިހާން އަންނަން ވާއިރަށް މުގައްރަރު ނިންމާ ދަރިން ތައްޔާރު ކުރެވެން އޮތީ ހޯމް ސްކޫލިންގް (ގޭގައި ކިޔަވާ ދިނުމުގެ) ނިޒާމަކުން. ކުރަން ބޭނުން ނުވިޔަސް ކުރުން ނޫން ގޮތެއް ނެތް."

އޭނާ އެ އިޝާރާތް ކުރަނީ މިއަހަރު ގްރޭޑް 10އަށް ނުގޮސް 9 ނިންމާފައި ދަރިވަރުންނަށް ޖީސީއެސްސީ ހަދަން ޖެހޭ ގޮތަށް ސްކޫލުތަކުގެ ތައުލީމީ ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީ އިން ބަދަލުކުރި ކުރުމުގެ ނަތީޖާއަށެވެ.

ބެލެނިވެރިންގެ ކަންބޮޑުވުން އެގޮތަށް ފާޅުކުރާ ކޮންމެ ތަނެއްގައި ސަރުކާރު ދިފާއުކުރުމަށް ކޮމެންޓް ލިޔާ މީހުން އުތުރި އަރައިގަނެ އެވެ. އޭގެ ތެރޭގައި ބައެއް ޕްރިންސިޕަލުންނާއި ޓީޗަރުން ވެސް ހިމެނޭ ގޮތުން އެބޭފުޅުން ކުރައްވާ މަސައްކަތަކީ ސަރުކާރު ދިފާއުކުރުމެވެ. އެއީ މިވަގުތު ގައުމު އޮތްހާލަތަށް ބަލާއިރު ވަޒީފާގައި ދެމިތިބުމާއި ވަޒީފާގެ ކުރިއެރުމަށް ނުހަނު ބޭނުންކަމަކަށް ވާތީ ކުރާކަމެއް ކަމަށް ބެލެވެ އެވެ.

ބައެއް ޓީޗަރުންނާއި ޕްރިންސިޕަލުންގެ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމަށް ތާއީދުކޮށްފައި ހުރި ކަމަށް ވިޔަސް ތައުލީމީ ދާއިރާގެ ފުންނާބު އުސް ބޭފުޅުން ގެންދަވަނީ މި މައްސަލައިގައި އެބޭފުޅުންގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް އެސެމްބްލީގައި ބައިވެރިވަނީ.

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވިގޮތުގައި "ގްރޭޑް 8ގައި މިހާރު ކިޔަވަމުން ގެންދާ ދަރިވަރުންނަށް އެއް ޓާމްގައި ކިޔަވައި ނުދީ އޯލެވެލް ހަދަން ނިންމި ނިންމުމަކީ ކަންބޮޑުވާން ޖެހޭ" ކަމެކެވެ.

ފޭސް ބުކުގައި ލިޔުއްވި ޕޯސްޓެއްގައި އާއިޝަތު އަލީ ވިދާޅުވެފައި ވަނީ ދަރިވަރުންނަށް ގްރޭޑް 7 އާއި 8 ގައި ކިޔަވާ ކިޔެވުމަކީ އެކުދިން ހުރިހާ ސްޓްރީމެއްގެ މާއްދާތަކަށް އަހުލުވެރިކުރުވައި ކުރިޔަށްދާނެ ސްޓްރީމެއް ޚިޔާރުކުރުމަށް ވަރަށް މުހިންމު ދެ އަހަރު ކަމަށެވެ. ޖީސީއެސްސީ ހަދާ ދަރިވަރުން އެކުދިންގެ ސިލަބަސް ނިންމަން ދީފައި އޮންނަ ވަގުތު ކުރުކޮށް އަވަސް އަރުވާލަން ޖެހޭ ފަދަ ސަބަބެއް އޮތް ކަމަށް ފެނި ވަޑައިނުގަންނަވާ ކަމަށް ވެސް އާއިޝަތު އަލީ ލިޔުއްވާފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ތައުލީމީ ކަލަންޑަރަށް ގެނައި ބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ ގެއްލުމާމެދު އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު

"ހުރިހާ"އާ ވާހަކަ ދައްކަވަމުން އާތިޔާ ވިދާޅުވި ގޮތުގައި އެޑިއުކޭޝަނުން މި ގެނައި ބަދަލުގެ ސަބަބުން ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް އިތުރު ޕްރެޝަރުތަކަކާ ކުރިމަތިވާނެ އެވެ.

ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ވެސް ބޭނުން ވާނީ ކުދިން އެ ކިޔަވާ މާއްދާތަކުން ވީހާ ވެސް ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށް ވާއިރު ކިޔަވަން އޮތް ވަގުތު ކުރުކޮށްލުމުން ސިލަބަސް ނިންމަން އިތުރު ގަޑި ނެގުމާއި ފިލާވަޅުތައް މުތާލިއާކުރަން އެކަށީގެންވާ ވަގުތު ނެތުމުގެ ސަބަބުން ދިމާވާނެ މައްސަލަތަކުގެ ތެރެއިން ނިކުންނާނެ މެންޓަލް ހެލްތުގެ މައްސަލައަކީ ވެސް އާތިޔާ ކަންބޮޑުވެ ވަޑައިގަންނަވާކަމެކެވެ.

ތައުލީމީ ކަލަންޑަރަށް ސަރުކާރުން ގެނައި ބަދަލަކީ ސްކޫލުގެ އަހަރީ ޗުއްޓީ ޑިސެންބަރަށް ބަދަލު ކުރުމަށް ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ގެނައި ބަދަލެކެވެ.

މި ބަދަލާ އެކު ދަރިވަރުން ކިޔަވާ ދުވަސްތަކުން ގެއްލޭ މިންވަރު، އިތުރު ގަޑީގައި ކަވަރުކުރުމަށްޓަކައި ސްކޫލުތަކުގެ އިތުރު ހަރަކާތްތަކާއި އިންޓަ ސްކޫލް މުބާރާތްތައް ވެސް ނުބާއްވާ ގޮތަށް ނިންމައިފައިވާކަމުގެ ޝަކުވާ ބެލެނިވެރިން މިހާރު ވަނީ ކުރަން ފަށައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

ސޯޝަލް މީޑިއާގައި ޚިޔާލުފާޅު ކުރި ގިނަ އަދަދެއްގެ ބެލެނިވެރިން ކަން ބޮޑުވުން ފާޅުކޮށްފައި ވަނީ ދަރިވަރުންނަށް ރަނގަޅު ކާމިޔާބެއް ހޯދާ ދިނުމަށް އޮތް ޕްރެޝަރުގެ މައްޗަށެވެ. އެ މީހުންގެ ނަޒަރުގައި އަވަސް އަރުވައިލައިގެން ސިލަބަސް ނިންމާލުމަކީ ޓީޗަރުންނަށް ކުރެވިދާނެ ކަމަކަށް ވިޔަސް އެފިލާވަޅުތައް ދަސްކޮށް މުތާލިއާ ކުރަން ދަރިވަރުންނަށް އުފުލަން ޖެހޭނެ ތަކުލީފު ވަރަށް ބޮޑެވެ.

ރަނގަޅު ނަތީޖާއެއް ހޯދުމަށް މިހާރު ވެސް ދަރިވަރުން ގާތްގަނޑަކަށް ހުރިހާ މާއްދާއަކުން ޓިއުޝަން ނަގަން ޖެހެ އެވެ. އެހެންކަމުން އަވަސް އަރުވާލައިގެން ސިލަބަސް ނިންމުމުން ދަރިވަރުންނަށް ނަގަންޖެހޭ ޓިއުޝަނުގެ ބުރަ ބޮޑުވާނެކަމަށް ގަބޫލުކުރެވޭ އިރު، އެކަމަށް އެކަށޭނަ ވަގުތު ނެތުމުން އޭގެ އަސަރު ދަރިވަރުންނާއި ބެލެނިވެރިންނަށް ތަފާތު އެތައް ގޮތަކުން ކުރާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް ސަރުކާރުން އޮތީ ތަޖުރިބާކާރުންނާއި ބެލެނިވެރިންގެ އަޑުއަހާ ވަރަށް ވުރެ ކެމެޕޭންގައި ބުނެވުނު ބަހެއް ތެދުކުރުމަށް ހިފައިފަ އެވެ.