މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ހަތަރު ދާއިރާއަކަށް ވާދަކުރަން ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.
އަދާލަތު ޕާޓީން ބުނީ މާޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދޭ މީހުންނަށް އެ ފުރުސަތު އެބައޮތް ކަމަށެވެ.
އަދާލަތު ޕާޓީގެ ތިން ވަނަ ދައުރުގެ މަޝްވަރާ މަޖިލިހުގެ 39 ވަނަ ބައްދަލުވުމުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އާންމުކޮށް ހުޅުވާލައިގެން ޓިކެޓަށް އެދުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ ހަތަރު ދާއިރާއަކުން ކަމަށް އެ ޕާޓީން ބުންޏެވެ.
އެއީ ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި އިނގުރައިދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އެވެ.
އަދާލަތު ޕާޓީން ބުނީ މި ދާއިރާތަކަށް ޕާޓީގެ ޓިކެޓުގައި ކުރިމަތިލާން ބޭނުންވާ މީހުން އަންނަ އަންގާރަ ދުވަހުގެ 4:00 ގެ ކުރިން ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި މި ހަތަރު ދާއިރާ ނޫން ދާއިރާއަކަށް ކުރިމަތިލާން ބޭނުންވާ މީހުން ޕާޓީގެ އިންތިހާބީ ކޮމިޓީ އަށް އެޑްރެސްކޮށް މި މުއްދަތުގެ ތެރޭގައި ފޯމް ހުށަހެޅުމަށް ވެސް އަދާލަތުން އެދިފައިވެ އެވެ.
އަދާލަތު ޕާޓީގެ އިތުރުން ސިޔާސީ ބައެއް ޕާޓީތަކުން އަންނަނީ އިންތިހާބަށް ވާދަކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ކުރަމުންނެވެ.