ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށާއި ރޯދަ މަހު މަޖިލިސް އިންތިހާބު ބޭއްވުން ނޫން ގޮތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެ އެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް އީސީން ނިންމާފައި ވަނީ އަންނަ މާޗް މަހުގެ 17 ގަ އެވެ. އެ ދުވަސް ދިމާވަނީ ރޯދަ މަހުގެ ފުރަތަމަ ހަފްތާއަށެވެ. އެހެންވެ، ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ރޯދަ މަސް ތެރޭގައި އިންތިހާބު ބާއްވާތީ ކަންބޮޑުވުން ފާޅުކޮށް، ރޯދަ މަހުގެ ފަހުން އިންތިހާބު ބޭއްވުމަށް އީސީ އަށް ގޮވާލައިފަ އެވެ.
ޕީއެސްއެމް އިން ގެނެސް ދިން "ރާއްޖެމިއަދު" ޕްރޮގްރާމްގައި ފުއާދު ތައުފީގު ވިދާޅުވީ ރޯދަ މަހުގެ ފަހަށް އިންތިހާބު ޖައްސަން ބަލާ އިރު، ވަރަށް ބޮޑެތި މައްސަލަތަކާ ދިމާވާ ކަމަށެވެ. އެއް ކަމަކަށް ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ އިރު، އެއީ އިންތިހާބު ބާއްވަން އުނދަގޫ ދުވަސްވަރެއް ކަމުގައި އޭނާ ވިދާޅުވި އެވެ.
އޭގެ ފަހުން އީދު ބަންދު ދުވަސްތަކަށް ފަހު، ދެން އަންނަނީ ސްކޫލްތަކުގެ އިމްތިހާން ދުވަސްވަރު ކަމަށް ފުއާދު ވިދާޅުވި އެވެ. އެ ދުވަސްވަރު އިންތިހާބު ބޭއްވުމަށް ސްކޫލްތައް ނުލިބޭނެ ކަން ފުއާދު ފާހަގަ ކުރެއްވި އެވެ.
"ސްކޫލްގެ އިމްތިހާނު ނިމޭ ތަނުން އަޅުގަނޑުމެން ބާއްވަން ނިންމައިފިއްޔާ، އަނެއްކޮޅުން މަޖިލިސް މެމްބަރުން ހޮވާ ނިންމަން އެބަޖެހޭ މަޖިލިސްގެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން، މާނައަކީ 90 ދުވަހުގެ ތެރޭގައި މި މަސައްކަތް ކުރަން އެބަޖެހޭ. ޖެނުއަރީ 30 އިން ފެށިގެން 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެކަން ކުރަން މި ލިބެނީ،" ފުއާދު ވިދާޅުވި އެވެ.
"އެހެންވީމަ ގާނޫނަށް ބަދަލު ނުގެނެސް، މިކަން އަޅުގަނޑުމެންނަށް ވާނެ ގޮތެއް ނެތް،"
ފުއާދު ވިދާޅުވީ އާންމު އިންތިހާބުތަކުގެ ގާނޫނު އިސްލާހުކޮށް، އިންތިހާބުގެ ތާރީހުތަކާ ގުޅޭ އިސްލާހުތައް ބަދަލުކޮށްފި ނަމަ، ރޯދަ މަހުގެ ފަހުން ވެސް އިންތިހާބު ބޭއްވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެކަމަކު، 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބެވި ބޭފުޅުން އެކަން ކުރައްވަން ބޭނުން ނުވާ ކަމުގައި ފުއާދު ވިދާޅުވި އެވެ.