ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމުން ދޭހަވަނީ ރައްޔިތުން ޑިމޮކްރަސީއަށް އޮތް ޝައުގުވެރިކަން ކުޑަވަމުންދާ ކަން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގް ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް އިން ގެނެސްދިން "ރާއްޖެމިއަދު" ޕްރޮގްރާމްގައި ފުއާދު ވިދާޅުވީ އިންތިހާބުތަކުގައި ވޯޓުލާން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން މަދުވަމުން އަންނަ ކަން ކޮމިޝަނަށް ވެސް ފާހަގަ ކުރެވެމުންދާ ކަމަށެވެ. އިންތިހާބުތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވުމަކީ ވަރަށް ދެރަ، އަދި ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.
"އެއިން އެ ދޭހަކޮށްދެނީ ރައްޔިތުން ޑިމޮކްރަސީ އަށް އޮތް ޝައުގުވެރިކަން ކުޑަވަމުންދާ ތަނޭ ވެސް ދެންނެވިދާނެ. ދެން އެކަމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަށް،" ފުއާދު ވިދާޅުވި އެވެ.
އެގޮތުން މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު ރަމަޟާން މަހާ ދިމާވާތީ ވޯޓުލާން ކަނޑައަޅާފައި އޮންނަ ވަގުތާ ގުޅޭގޮތުން އަންނަ ހަފުތާގައި ގައުމީ ލަފާދޭ ކޮމިޓީއާ މަޝްވަރާ ކުރަން ނިންމަވާފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ.
"މިއަންނަ ހަފުތާ ތެރޭގައި އަޅުގަނޑުމެން މި ވިސްނަނީ ލަފާ ދޭ ކޮމިޓީއާ މަޝްވަރާ ކޮށްގެން އެ ގަޑި (ހެނދުނު 8:00 ހަވީރު 4:00) ތޯ އެންމެ ރަނގަޅީ. ނޫނީ ކުޑަ ތަންކޮޅެއް ފަހަތަށް ޖައްސާލުންތޯ ރަނގަޅީ،" ފުއާދު ވިދާޅުވި އެވެ.
ރައްޔިތުންނަށް އިންތިހާބުތަކުގައި ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދީ ކިޔޫގައި މަޑުނުކޮށް ވޯޓުލެވޭނެ ގޮތް ހެދުމަށް ވެސް މަސައްކަތް ކުރާ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި އިންތިހާބުތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ މަޖިލިސް އިންތިހާބު ރަމަޟާން މަހާ ދިމާވާތީ ކިޔޫގައި ޖެހޭ ވަގުތު މަދުކުރުމަށް އީސީން ވަނީ ވޯޓުފޮށިތަކުގެ އަދަދު އިތުރު ކުރުމަށްވެސް ނިންމައިފަ އެވެ. އެގޮތުން 600 ވޯޓު ފޮށި ރާއްޖޭގައި ބަހައްޓާއިރު މާލެ ސަރަހައްދުގައި 200 އެއްހާ ވޯޓު ފޮށި ބެހެއްޓޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ. މި އިންތިހާބުގައި ވޯޓު ފޮށްޓަކަށް ގިނަވެގެން ވޯޓު ލެވޭނީ 500 މީހުންނަށް ކަމަށް ވެސް އީސީން ވަނީ ކަނޑައަޅައިފަ އެވެ.