ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާ އުފުލުމުން އެ ދައުވާ ލިބޭ މީހާގެ ޕާސްޕޯޓް އިމިގްރޭޝަނުން ހިފަހައްޓަން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު މިގޮތަށް ކަނޑައެޅީ ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދިން މައްސަލައިގައި އިއްވި ހުކުމްގަ އެވެ.
ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ފުރަން ހުއްދަދީ ކްރިމިންލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ވަނީ އެހުކުމް ބާތިލްކޮށްފަ އެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ހުކުމް މިއަދު އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވީ ޖިނާޢީ ބޮޑެތި ކުށްކުށުގައި ތުހުމަތުވެ ދަޢުވާކުރެވޭ މީހަކު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފި ނަމަ ޖިނާއީ އަދުލުގެ ނިޒާމު ވާގިނެތި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭނެ ކަމަށެވެ. އެހެންކަމުން އެކަން އެހެން ވިޔަ ނުދިނުމަށް ދައުލަތުން ފިޔަވަޅު އަޅަންޖެހޭކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ހަމައެއާ އެކު، ގާނޫނުލްއުގޫބާތުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމާ އެކު ދައުވާލިބޭ ފަރާތް ދިވެހި ރާއްޖެއިން ބޭރަށް ދިއުން މަނާކުރުމަށް ކޯޓުން މޯލްޑިވްސް އިމިގްރޭޝަންއަށް އެންގުމާއެކު، އެފަދަ މީސްމީހުން ބްލެކް ލިސްޓުކުރެވި އެފަދަ މީސްމީހުން ރާއްޖެއިން ބޭރަށް ނުފުރޭނެ ގޮތް ހެދުމަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާއެއްކަން ފަނޑިޔާރު ސުޢޫދު ފާހަގަ ކުރައްވާފައިވެ އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދުގެ މި ރައުޔަށް ފަނޑިޔާރު މަހާޒު އަލީ ތާއިދު ކުރެއްވުމާ އެކު، އަގުލަބިއްޔަތު ވަނީ ލިބިފަ އެވެ. މައްސަލާގެ ބެންޗުގައި އިންނެވި ފަނޑިޔާރު އައިޝާ ސުޖޫން އިއްވެވި ރައުޔުގައި މިބައި ނެތް ނަމަވެސް، ފަނޑިޔާރު ޝުޖޫންގެ ވެސް ރައުޔަކީ އައްމަޓީގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ ގޯސްކޮށް ކަމަށެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީލައިފާ ހަވާލުކުރުމުން އެ ފްލެޓް ވިއްކާނެ ކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގުމަށްފަހު ފްލެޓްތައް ވެސް ނާޅައި، އެ ފައިސާތަކަށް ހިޔާނާތްތެރިވި މައްސަލައިގައި އައްމަޓީއާ ދެކޮޅަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ކޮށްފައި ވަނިކޮށް އައްމަޓީ ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރަން ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅެވެ.