އިނގިރޭސި ޕްރިިމިއާ ލީގުގައި ރޭ ލިވަޕޫލް އަތުން ރަށުން ބޭރުގައި 4-1 އިން މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީން ލީޑު ފުޅާކޮށްފި އެވެ.
މިއީ 2003 ވަނަ އަހަރުގެ ފަހުން ލިވަޕޫލްގެ ދަނޑުގައި ސިޓީ މޮޅުވި ފުރަތަމަ މެޗެވެ. އަދި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ވެސް، ލިވަޕޫލް އަތުން ރަށުން ބޭރުގައި މޮޅުވި ފުރަތަމަ ފަހަރެވެ.
މި މޮޅާއެކު، ސިޓީން ވަނީ ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ފަސް ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ ހަތަރު ވަނައިގަ އެވެ. ސިޓީ އާއި ލިވަޕޫލާ ދެމެދު މިހާރު 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެގެނެވެ. ސިޓީ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ޖަރުމަންގެ މިޑްފީލްޑަރު އިލްކޭ ގުންޑޮގާން ޖެހި ޕެނަލްޓީ ގޯލަށް އަމާޒެއް ނުވި އެވެ. އެކެމަކު ދެވަަނަ ހާފުގެ ކުރީކޮޅު ގުންޑޮގާން ވަނީ ލަނޑެއް ޖަހައި، ސިޓީ އަށް ލީޑު ހޯދައިދީފަ އެވެ.
މެޗުގެ 65 ވަނަ މިނިޓުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ސަލާހު އެވެ.
ސިޓީން އަލުން ލީޑު ނެގީ މެޗުގެ 73 ވަނަ މިނިޓުގައި ގުންޑޮގާން ޖެހި ލަނޑުންނެވެ. މިއީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން އަށް ހެދުނު މިސްޓޭކަކުން ގޮންޑޮގާނަށް ތަަނަވަސްވި ފުރުސަތަކުން ޖެހި ލަނޑެކެވެ.
އޭގެ ތިން މިނިޓު ފަހުން، ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ހެދި ދެވަނަ މިސްޓޭކެއްގެ ފައިދާ ނަގައި، ރަހީމް ސްޓާލިން ވަނީ ސިޓީގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
މެޗުގެ ފަހު 10 މިނިޓުގެ ތެރޭގައި ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފިލް ފޯޑަން އެވެ. – ބީބީސީ
އިނގިރޭސި ލީގުގައި އިއްޔެ ކުުޅުނު އެހެން މެޗުތަކުގެ ނަތީޖާ:
ޓޮޓެންހަމް 2 – 0 ވެެސްޓް ބްރޮމް
ވުލްވްސް 0 – 0 ލެސްޓަރ ސިޓީ
ޗެލްސީ 2 – 1 ޝެފީލްޑް ޔުނައިޓަޑް