ގެއްލުވާލެވިފައިވާ މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުނު ރޭ، އޭނާ އުޅުނު ހުޅުމާލެ 21 ނަމްބަރު ފްލެޓް ކައިރިން ފެނުނު ވަޅިއާބެހޭ މައުލޫމާތު ހިއްސާކުރާ ފަރާތަކަށް 500،000 ރުފިޔާ މަރާލެވިފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ހުށަހަޅައިފި އެވެ.

މަރުގެ ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ އިއުލާނާއެކު ވަނީ ވަޅީގެ ފޮޓޯ އާންމުކޮށްފަ އެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ ވަޅިއަކީ ރިޟްވާން ގެއްލުނު ރޭ އޭނާ ދިރިއުޅުނު ގޭގެ ކައިރިން ގަދަކަމަށް މީހަކު ކާރަކަށް އަރުވަން އުޅުމުގެތެރޭގައި މަގުމައްޗަށް ވެއްޓުނު ވަޅިއެއް ކަމަށެވެ. އަދި އެ އިއުލާނުގައި ވާގޮތުން އެ ވަޅިއާ ބެހޭ ނުވަތަ ރިޟްވާންގެ މަރުގެ މައްސަލައާބެހޭ ގޮތުން ސާބިތު ހިފޭވަރުގެ ސައްހަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 500،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން މަރުގެ ކޮމިޝަނުން ވަނީ މައްސަލައާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވާފަ އެވެ.