އިސްތަށިގަނޑުގައި އެކި ކަަަހަލަ ކުލަތައް ޖެއްސުމަކީ މިހާރުގެ ފެޝަން ނުވަތަ ޓްރެންޑްސްތަކުގެ ތެރޭގައި ވަރަށް އާއްމު ކަމެކެވެ. އެގޮތުން ރަތް، ފިޔާތޮށި، ފެހި އަދި ދަނބު ފަދަ އިސްތަށިގަނޑުގެ ގުދުރަތީ ކުލައާއި މުޅިން ތަފާތު ކުލަތަކަކީ މިހާރުގެ އެންމެ ހިނގާ ޓްރެންޑް އެވެ. ބަލާލަން ކިތަންމެ ރީތިވިޔަސް މިފަދަ ކުލަތަކަކީ ގިނަ ފަހަރަށް އެއިން އެތައް ގިނަ އަސަރުތަކެއް އިސްތަށިގަނޑަކަށް ކުރުވާ ކުލަތަކެކެވެ.

އެންމެ ފުރަތަމަ ކަމަކީ މިފަދަ ކުލަތަކަކީ އެކި ކަހަލަ އެލާޖީތައް މެދުވެރިކުރުވާ އެއްޗެއް ކަމެވެ. މިފަދަ ކުލަތަކުން އެކި ކަހަލަ އެލާޖީތައް ކުރިމަތިކުރުވާއިރު މީގެ ތެރޭގައި ބޮލުގައި ހަންފޮޅުމާއި ބޯ ދުޅަވުން ފަދަ ކަންކަމާއވެސް ކުރިމަތިވާކަމަށް ތަޖުރިބާކާރުން ވަނީ ހާމަކޮށްފަ އެވެ.

މިފަދަ އެލާޖީތަކަކީ މީހާގެ ބޯ ނޫނަސް ލޯ، އެސްފިޔަ، ނޭފަތް އަދި މުޅި މޫނަށްވެސް ފެތުރޭފަދަ އެލާޖީތަކެކެވެ. އޭގެ އިތުރުން އިސްތަށިގަނޑުގައި ތަފާތު އެކި ކުލަ ޖެއްސުމަކީ އިސްތަށިގަނޑުގަ ހުންނަ ގުދްރަތީ ރީތި ވިދުން ގެއްލުވާލާ އިސްތަށިގަނދުގެ ވަރުގަދަކަން ނެތިގެންދާކަންކަމެވެ.

ބައެއް ފަރާތްތަކުން ވަނީ އިސްތަށިގަނޑުގައި ޖައްސާކުލައިގައި ހުންނަ ޕީޕީޑީ ނަމަކަށްކިޔާ މާއްދާއެއްގެ ސަބަބުން ކެންސަރަށް މަގުފަހިވާކަމަށްވެސް ބުނަން ފަށައިފައެވެ. މިކަމަށް އަދި އެއްވެސްކަހަލަ ސައިންޓިފިކް ހެއްކެއް ނެތްއިރު ބައެއް ފަރާތްތަކުން ވަނީ ކުލަތަކުގައި ހުންނަނީ ޕީޕީޑީގެ ވަރަށް ކުޑަ މިންވަރެއްކަމަށާއި، އަދި އެމިންވަރަކީ ކެންސަރަށް މަގުފަހިކުރުވާނޭ މިންވަރެއް ނޫންކަމަށްވެސް ބުނެފަ އެވެ.

އެހެން ކަމުން ދެން ފަހަރަކުން އިސްތަށިގަނޑުގައި ކުލަ ޖެއްސުމަށް ނިންމުމުގެ ކުރިން މިދެންނެވި ކަންކަމާ މެދު ވިސްނަލުމަކީ ރަނގަޅު ކަމެކެވެ.