މާލޭގެ މަގުމަތިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާލެސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާއެއް އޮތްނަމަ އެކަން ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ޕާކިން ސްލޮޓް ލިބުނު މެސެޖަށްފަހު އިތުރު މުއާމަލާތެއް ނުކުރާ ފަރާތްތައް، ޕާކިން ސްލޮޓް ލިބުނުކަން އެންގުމަށްފަހު އެއްބަސްވުން ނަހަދާ ފަރާތްތައް އަދި ޕާކިން ސްލޮޓްތަކާ ގުޅޭ އިތުރު ޝަކުވާތައް ހުށަހެޅުމަށްވަނީ ހުޅުވާލައިފަ އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ 29 ޖަނަވަރީން ފެށިގެން 5 ފެބުރުވަރީގެ ނިޔަލަށް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ ކައުންސިލްގެ ވެބްސައިޓުގައިވާ ޝަކުވާ ހުށަހަޅާ ޕޯޓަލް މެދުވެރިކޮށް އަދި އާއްމު ހިދުމަތްތަކާ ބެހޭ ބަޔަށް ލިޔުމުން ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

މިހާރުގެ ރައީސް މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވިއިރު ވަނީ މާލޭ މަގުތަކުން ޕާކިން ސްލޮޓުތައް ކުއްޔަށް ދޫކޮށްފަ އެވެ. ނަމަވެސް، އޭރު އެކަން ކުރި ގޮތުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން ސިޓީ ކައުންސިލަށް އަމާޒުވި އެވެ.