ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަލުން މަގާމަށް އައްޔަނުކޮށް، އެ ބޭފުޅުންނަށް ރުހުން ހޯދަން މަޖިލީހަށް އަލުން ނުފޮނުވޭނެ ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް އައްޔަން ކުރެއްވި ވަޒީރުންގެ ތެރެއިން ތިން ބޭފުޅަކަށް ރުހުން ނުދޭން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ހަމަ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރައީސް ވަނީ އެ ބޭފުޅުން އަލުން ވަޒީރު ކަމަށް އައްޔަން ކުރައްވާފަ އެވެ.
އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިގޭ ވިދާޅުވީ ފިލްޒާ އެފަދައިން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން މަޖިލީހުގެ ރައީސާއި، އަމީންއާންމު އަދި ކައުންސެލް ޖެނެރަލް އާ އެކު ބޭއްވުނު ބައްދަލުވުމެއްގައި ކަމަށެވެ.
"ކައުންސެލް ޖެނެރަލް ވަރަށް ސާފުކޮށް ވިދާޅުވި ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް ދެން އަލުން މަޖިލީހަށް ނުފޮނުވޭނެ ކަމަށް،" ބިގޭ ވިދާޅުވި އެވެ.
ރުހުން ނުލިބުނު ވަޒީރުން އަލުން ވަޒީރުކަމަށް އައްޔަން ކުރެއްވުމަކީ ގާނޫނީ އިމުގެ ތެރެއިން ރައީސް މުއިއްޒު ކުރެއްވި ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ބިގޭ ވިދާޅުވި އެވެ.
އެ ތިން ބޭފުޅުންގެ ނަންތައް އަދި މަޖިލީހަށް ނުފޮނުވަ އެވެ. މަޖިލީހަށް އެ ނަންތައް ފޮނުވުމުން އަމަލުކުރާނެ ގޮތެއް ނިންމާނީ ޕާލަމެންޓްރީ ގްރޫޕުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެ ތިން ވަޒީރުންގެ ނަންތައް އަލުން މަޖިލީހަށް ފޮނުވުމުން އެމްޑީޕީން އަމަލުކުރާނެ ގޮތެއް ނިންމާނީ އެ ޕާޓީގެ ޕީޖީ ގުރޫޕުގައި މަޝްވަރާކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނީ ވަކީލު އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ރުހުން ނެތް ވަޒީރުން އަލުން އެ މަގާމަށް އައްޔަން ކުރުމަކީ ގާނޫނީ އިމުގެ ތެރެއިން ރައީސަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.