ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އެޖެންޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ އަގު ބޮޑު މުދާތައް ހިފެހެއްޓި މައްސަލައިގައި ހުޅުމާލެ ކޯޓުން ނެރުނު އަމުރު ބާތިލު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

މަންޑޭ ދިރިއުޅުނު އެޕާޓްމެންޓާއި އޭނާ ގެންގުޅުނު އަގު ބޮޑެތި ސާމާނުތައް ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަހަރު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. ހުޅުމާލެ ކޯޓުގެ އެ އަމުރު އިސްތިއުނާފްކޮށްފައި ވަނީ މަންޑޭގެ ފަރާތުންނެވެ.

ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މަމްދޫހް ފާހަގަކުރާ ކަންކަމަކީ ދަށު ކޯޓަށް ހުށަހަޅައި ގޮތް ނިންމާފައިވާ ކަންކަން ނޫން ކަމަށެވެ. މަމްދޫހްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަކީ ދަށު ކޯޓަށް ހުށަހަޅައި އެކަންކަމާ މެދު ގޮތެއް ނިންމުމުގެ ފުރުސަތު އޮތް ކަންކަން ކަމަށާއި އެކަން މަމްދޫހް ކޮށްފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންވެ، އެ އަމުރު މުރާޖާކުރަން މަންޑޭގެ ފަރާތުން ދަށު ކޯޓުގައި އެދިފައިނުވާތީ، މިއީ ކޯޓަށް ގޮތް ނިންމި ދާނެ ކަމަކަށް ގަބޫލު ނުކުރާ ކަމަށް ވެސް ހުކުމްގައިވެ އެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މި މައްސަލަ ބެއްލެވި އިރު، އެ ފަނޑިޔާރުންނަކީ ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހަސަން މަޒީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މާނިއު އެވެ.

ކޭޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް 104 ދައުވާއެއް ކުރުމަށް ދައުލަތުން ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 50 ދައުވާ، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާގެ އިތުރުން މަނީ ލޯންޑްރިން ކުށުގެ 1 ދައުވާ އެވެ.