ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ލޯގޯއާއި ފޮޓޯ ވޯޓް ކަރުދާހުގައި ޖަހާ ގޮތަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓް ކަރުދާހުގައި ފޮޓޯ ޖެހުމުގެ އިހްތިޔާރު ހުރިހާ ކެންޑިޑޭޓުންނަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް އެއީ މަޖުބޫރު ކަމެއް ނޫން ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުން ބޭނުންވާ ލޯގޯއެއް ވޯޓް ކަރުދާހުގައި ޖެހުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންގެ ލޯގޯ އަކަށް ވާނީ، އެ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއެއްގެ ލޯގޯ ކަމަށާއި އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ލޯގޯއަކަށް ވާނީ އީސީން ފާސްކޮށްފައިވާ، އެ ކެންޑިޑޭޓަކު ހުށަހަޅާ ލޯގޯއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭއިން، އެއް ކެންޑިޑޭޓެއްގެ ހުށަހަޅާ ލޯގޯ އެއް އަނެއް ކެންޑިޑޭޓަކަށް ބޭނުން ނުކުރެވޭނެ ކަމަށާއި ދެ ލޯގޯ އެއްގޮތް ވެއްޖެނަމަ ފުރުސަތު ލިބޭނީ ކުރިން ލޯގޯ ހުށަހެޅުއްވި ކެންޑިޑޭޓަކަށް ކަމަށް ހަބީބު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އަމަކުކުރަމުންދިޔަ އުސޫލުގެ ދަށުން ވޯޓް ކަރުދާހުގައި ލޯގޯ އަދި ފޮޓޯ ހިމެނުމުގެ ފުރުސަތު އޮންނަނީ ހަމައެކަނި ޕާޓީތަކުގެ ކެނޑިޑޭޓުންނަށެވެ. މީގެ ކުރީގެ ބައެއް އިންތިޚާބުތަކުގައި ކެންޑިޑޭޓުންގެ ފޮޓޯ ޖެހުމުގެ ފުރުޞަތު ދީފައިވެ އެވެ. ނަމަވެސް އަމިއްލަ ކެންޑިޑޭޓުންނަށް ލޯގޯ ޖެހުމުގެ ފުރުޞަތު ދޭ މިއީ ފުރަތަމަ ފަހަރެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވާއިރު، އެ ފުރުސަތު ބަންދުވާނީ މި މަހުގެ 14 އަށެވެ.

އަންނަ މަހުގެ 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި 93 މެންބަރަކު އިންތިހާބުކުރާނެ އެވެ.