ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) ގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަޖިލިހަށް ހުށަހަޅާފައިވާތީ އެ ބޭފުޅުންނަށް ރިޔާސަތުގައި ދެން ނުތިއްބެވޭނެ ކަމަށް މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
އަސްލަމް އާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް އެ ދެ ބޭފުޅުންނަށް މިއަދު ވަނީ ފޮނުވައިފަ އެވެ.
މަޖިލިހުގެ ރައީސް އަސްލަމާއި ނައިބު ރައީސް ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލިހުގެ އިދާރާ އިން މިއަދު ފޮނުވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ މާދަމާ 9:00 ގައި މަޖިލިހުގެ އިދާރާގައި އޮންނާނެ އެވެ.
ތޯރިގް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ވެއްދުމާ އެކުގައި، ނަޝީދު ވެސް ރިޔާސަތުން ދުރަށް ޖެހިވަޑައިގެންނެވި ކަމަށެވެ.
އެހެންކަމުން މާދަމާ އޮންނަ ޖަލްސާގައި މަޖިލިހުގެ ރައީސް އަސްލަމާއި ނައިބު ރައީސް ސަލީމްގެ ބަދަލުގައި ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންނާ ހަވާލުކޮށް ދެއްވުމަށް ވެސް ތޯރިގް ގޮވާލެއްވި އެވެ.
"ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމާއެކު ރިޔާސަތުން ދުރަށް ޖެހިވަޑައިގަތް. މާދަމާގެ މަޖިލީހުގެ ރިޔާސަތު ރައީސް އަސްލަމާއި ނައިބު ސަލީމްގެ ބަދަލުގައި ރިޔާސަތު ބަލަހައްޓަވާ 5 މެންބަރުންނާއި ހަވާލުކޮށްދެެއްވާ. ޑިމޮކްރަސީއަކީ އެމީހަކާ ޖެހުނީމަ އެއްލާލާ އެއްޗަކަށް ނުހައްދަވާ." ތޯރިގް ވިދާޅުވި އެވެ.
އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި 23 މެންބަރެއްގެ ސޮޔާއެކު މަޖިލީހަށް މިދިޔަ މަހު 28 ގައި ހުށަހެޅީ ޕީޕީއެމް/ޕީއެންސީންނެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލާގައި ވަނީ އެ ދެބޭފުޅުން ނުފޫޒު ބޭނުންކޮށްގެން ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަސައްކަތް ކުރައްވާކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި ވަޒީރުންގެ ރުހުން ދިނުމުގެ މައްސަލައިގައި ވެސް މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވާފައިވަނީ މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައިގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި، އެ މައްސަލައިގެ ނޯޓިސް އަމީން އާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ފޮނުވަންޖެހޭނެ އެވެ. އަދި އެ ނޯޓިހުގެ ތާރީޚުން ފެށިގެން ރަސްމީ ބަންދުނޫން 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކުރަންޖެހޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިޚާބުވެވަޑައިގެންނެވީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިންތިހާބުވެވަޑައިގަތީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސްއާ އެކު މިހާރު މަޖިލީހުގައި 57 މެންބަރުން ތިއްބަވާއިރު ސަރުކާރަށް ތާއިދު ކުރައްވާ ތިބީ 30 މެންބަރުންނެވެ.