ޝްރައްދާ ކަޕޫރަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ޖީލުގެ ބޮލީވުޑް އަންހެން ތަރިންގެ ތެރެއިން އެންމެ ރީތި އަދި އެންމެ މޮޅު އެއް ފަންނާނެވެ.
އޭނާގެ ފިލްމީ ހަޔާތުގެ އިތުރުން ޒާތީ ހަޔާތަކީ ވެސް ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ ކަމެކެވެ. އެގޮތުން ޝްރައްދާ އެންމެ ފަހުން ކުރި އިންސްޓަގްރާމް ޕޯސްޓުގައި ވަނީ މިކަމަށް ކޮންމެވެސް ކަހަލަ އިޝާރާތެއް ދީފަ އެވެ.
މަޑު ފިޔާތޮށި ކުލައެއްގެ ސަލްވާރް-ކަމީޒް ހެދުމެއްގައި ސޮފްޓް މޭކަޕްއެއް ކޮށްގެން ނަގާފައިވާ ފޮޓޯތަކެއް ހިއްސާ ކުރަމުން ޝްރައްދާ ބުނެފައިވަނީ އޭނާ ވަރަށް ރީތި ކަމަށެވެ. އެއާއެކު ކައިވެނި ކުރަންވީތޯ ވެސް އަހާފައިވެ އެވެ.
އެއާއެކު ގިނަ ބަޔަކު އަންނަނީ ޝްރައްދާ ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ. އެހެން ނަމަވެސް އެކަމުގެ ޔަގީންކަމެއް ޝްރައްދާ ދީފައެއް ނުވެ އެވެ.
ޝްރައްދާގެ ޒާތީ ދިރިއުޅުން މިހާތަނަށް އާއްމުންނަށް ސިއްރު ކުރެވިފައިވީ ނަމަވެސް ވަރުން ދަވަން، ފަރްހާން އަހްތަރު އަދި އަދިތުޔާ ރޯއީ ކަޕޫރު ފަދަ އެކްޓަރުންނާ ލޯބީގެ ގޮތުން އޭނާ ގުޅިފައިވާ ކަމަށް އަޑުތައް އެރި އެވެ.