ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޓިކެޓް އެމްޑީޕީން އަތުލައިފި އެވެ.

ޖާބިރުގެ ޓިކެޓް އަތުލުމަށްފަހު އޭނާ އެމްޑީޕީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން މިއަދު ވަނީ ނިންމާފަ އެވެ. އެފަދައިން ނިންމީ އެ ކޮމިޓީއަށް ހުށަހެޅުނު ޝަކުވާއެއް ބެލުމަށްފަހު އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޖާބިރު ޕާޓީން ވަކިކުރަން ނިންމީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސަލަހަތު ގެއްލޭ ގޮތަށް ޖާބިރު ތަކުރާރުކޮށް އަމަލުކުރަމުން ގެންދާތީ ކަމަށެވެ.

"މި ކަމަކީ މި ޕާޓީ އާއި ޕާޓީގެ އާންމު މެމްބަރުންގެ މަސްލަހަތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމުގައި ވާތީ މި ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށް ފަހު އަބްދުﷲ ޖާބިރު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި މި ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމައިފަ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ޖާބިރާއެކު ޕްރައިމަރީގައި ވާދަކުރެއްވީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވެސް އެމްޑީޕީ ޓިކެޓްގައި އެ ދާއިރާއަށް ވާދަކުރެއްވި ޅ. ހިންނަވަރަށް ނިސްބަތްވާ ވިޔަފާރިވެރިޔާ އަބްދުﷲ ރިފްއަތެވެ. ބެލެވޭގޮތުގައި އެމްޑީޕީން ދެން ޓިކެޓް ދޭނީ އޭނާއަށެވެ.

ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ވެސް އެ ދާއިރާއަށް ވާދަކުރައްވަނީ ހިންނަވަރަށް ނިސްބަތްވާ ބޭފުޅެކެވެ.