ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓަށް ފްލެޓް ނުދީ މި ސަރުކާރުން މަސައްކަތް ކުރަނީ އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފްލެޓު ލިސްޓަށް ފްލެޓުތައް ދޫކުރުމަށް ކަމަށް ދެކެވޭ ވާހަކަތައް ރައީސް މުހައްމަދު މުއިއްޒު ދޮގުކުރައްވައިފި އެވެ.

ރައީސް މިވާހަކަތައް ދޮގުކުރެއްވީ އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަށް ހުޅުމާލޭގައި ދިރިއުޅޭ ފާތިމަތު އާދަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފާތިމަތުގެ ސުވާލުގައި ވަނީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފްލެޓު ލިސްޓެއް ގެންގުޅުއްވާ ކަމަށާއި، ފްލެޓުތައް ދޫކުރަމުންދަނީ އެ ލިސްޓަށްކަމަށް ވާހަކަދެކެވޭ ކަމަށެވެ. އަދި މި ވާހަކަތައް އޭނާ ގަބޫލު ނުކުރި ނަމަވެސް، ގިނަ ބަޔަކު އެވާހަކަ ދައްކަމުންދާތީ ރައީސްގެ ފަރާތްޕުޅުން މިކަމުގެ ހަޤީގަތް ރައްޔިތުންނަށް ދޭން ބޭނުންވާ ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމުގެ ފްލެޓެއް ވިޔަސް، އެހެން ކަހަލަ ހައްގަކަށް ވިޔަސް، މި ސަރުކާރުން ރައްޔިތުންގެ އެއްވެސް ހައްގަކަށް އަރައިނުގަންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ރައްޔިތުންގެ އެއްވެސް ކަހަލަ ހައްގަކުން މަހްރޫމް ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑެއް، އަޅުގަނޑުގެ އަންހެނުން ވިޔަސް، އަޅުގަނޑުގެ ރައްޓެއްސެއް ވިޔަސް، ސަރުކާރުގެ މަގާމެއްގައި ހުރި މީހެއް ވިޔަސް، އަދި އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާލަކުން ފޯރުވައިގެން މި ސަރުކާރުން އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފްލެޓު ނުވަތަ ގޯތި ލިސްޓް ކަމުގައި ވިޔަސް، އަދި އެހެން ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭ ކަމެއް ކަމުގައި ވިޔަސް، އެކަން ކުރިއަށް ދާނީ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކީގައި ދެފުށް ފެންނަ ގޮތަށް ކަމަށެވެ.

"އެއިން އެއްވެސް ކަމަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރުވުމަކީ އަޅުގަނޑު ޖާގަ ދޭނެ ކަމެއް ނޫން. އަދި އެކަހަލަ ކަމެއް ހިންގާ މީހެއްގެ މައުލޫމާތު ލިބިއްޖެ ނަމަ އެކަމަކަށް އިސްވެ އަޅުގަނޑު ފިޔަވަޅު އަޅާނަން. އެހެންވީމަ މިހާރު ނެރޭ ލިސްޓު ނޫނީ އެއްވެސް އެކަހަލަ މައުލޫމާތަކާ ގުޅޭ ގޮތުން އެ ދައްކާ ވާހަކަތަކަކީ އެއްގޮތަކަށް ވެސް ހަގީގަތެއް ހިމެނޭ ކަންކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެ ވާހަކަތަކަކީ ސަރުކާރާ މެދުގައި ދޮގު، ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރައިގެން ފިތުނަ އުފެއްދުމަށް ދައްކާ ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ދޫކުރަން ނިންމާފައިވާ 4000 ފްލެޓު ލިބުނު މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޝަރުތު ފުރިހަމަ ނުވާ މީހުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިހާތަނަށް ހިންގި ތަހުގީގުން މައްސަލަ ނެތް ފޯމުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ %20.7 ފޯމުކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ފުރަތަމަ ދޭން ނިންމި 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމު ކުރުމުން ގިނަ ޝަކުވާތަކެއް ހައުސިން މިނިސްޓްރީ އާއި އޭސީސީއަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އޭސީސީއަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލަން އަންގައިފަ އެވެ. ނަމަވެސް މިހާރު އެ އެންގުން ވަނީ ނިމުމަކަށް ގެނެސްފަ އެވެ.