ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މޯލްޑިވިއަންގެ ސީޕްލޭންގެ ޕައިލެޓަކާއި ފަޅުވެރިންނާ ހުތުރުބަހުން މުއާމަލާތްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓަކާއި ފަޅުވެރިންނާ ދިމާލަށް ޖާބިރު އަވަގުރާނަ ގޮވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ސީޕްލޭންގެ ޕައިލެޓާ ދިމާލަށް ބޭއަދަބީ ބަހުރުވައިން ހަޅޭއްލަވައި، އޭނާގެ އާއިލާއާ ގުޅުވައި ހުތުރު އަވަގުރާނަ ޖާބިރު ވަނީ ބޭނުންކޮށްފަ އެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު "ހުރިހާ"އަށް ވިދާޅުވީ ޖާބިރުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާއާމެދު އެ ކުންފުނިން ފިޔަވަޅެއް އަޅާނީ ފުލުހުންގެ ތަހުގީގު ނިމުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ޕެސެންޖަރަކު އެފަދަ އަމަލެއް ހިންގައިފި ނަމަ ފިޔަވަޅު އެޅުމާ ބެހޭ ގޮތުން މިތަނުގައި ހެދިފައި އޮވޭ އުސޫލްތަކެއް. ޖާބިރާމެދު އަޅާނެ ފިޔަވަޅެއް ނިންމާނީ ފުލުހުންގެ ތަހުގީގު ނިމުމުން،" އޭނާ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ ގޮނޑި މިހާރު ވެސް ފުރުއްވަމުން ގެންދަވާ ޖާބިރު އެމްޑީޕީން ވަކި ކުރުމަށްފަހު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު އޭނާއަށް ނުދޭން އެމްޑީޕީން ވަނީ ނިންމާފަ އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މިގޮތަށް ނިންމީ އެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ބެލުމަށް ފަހު، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސަލަހަތު ގެއްލޭ ގޮތަށް ޖާބިރު ތަކުރާރުކޮށް އަމަލުކުރަމުން ގެންދާތީ ކަމަށް ބުނެ އެވެ.