ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، އާ އުސޫލެއް ތައާރަފް ކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އުސޫލު ތައާރަފްކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާނެވެ.

މި އުސޫލުގެ މަގުސަދަކީ ރާއްޖޭގައި ގައިން ގަޔަށް އަރާ އެކިއެކި ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ފެތުރުނަ ނުދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ޓޫރިސްޓުން ފިޔަވާ ރާއްޖޭގައި ދިގުމުއްތަކަށް އުޅޭ އެންމެހައި ބިދޭސީންނަކީ ސިއްހަތު ރަނގަޅު ދުޅަހެޔޮ އުފެއްދުންތެރި ބައެއްކަން ކަށަވަރުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އުސޫލަށް މިހާރު ގެނެވުނު ބަދަލާއެކު ވޯކް ވިޒާގެ އިތުރުން ޑިޕެންޑެންޓް ވިޒާ، ރެސިޑެންޓް ވިޒާ، ސްޓޫޑެންޓް ވިޒާ، ކޯޕަރޭޓް ރެސިޑެންޓް ވިޒާ އަދި މެރިޖް ވިޒާ (ހަދާ ފުރަތަމަ ފަހަރު) ހެލްތު މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަކަށް މެޑިކަލްއެއް ހަދަން ޖެހޭނެ އެވެ. އަދި މެޑިކަލްގައި ބަލާ ބަލިތަކަށް އެންޑެމިކް ގައުމުތަކުން ބިޒްނަސް ވިޒާގައި ތިބޭ މިހުން ވިޒާ އެކްސްޓެންޑް ކުރާއިރު މެޑިކަލް ހަދަންޖެހޭނެ އެވެ. ހަމައެހެންމެ މެރިޖްވިޒާއަށް ފުރަތަމަ އެދޭއިރު މެޑިކަލް ހަދަން ޖެހޭނެއެވެ.

މީގެ އިތުރުން، ކުރިން މެޑިކަލްގައި ބަލާ ބަލިތަކުގެ އިތުރަށް، ފައިލޭރިއާ އެންޑެމިކް ގައުމުތަކުގެ މީހުން ފައިލޭރިއާ އަށް ޓެސްޓްކުރުން މިއުސޫލަށް ވަނީ އިތުރުކުރެވިފަ އެވެ.

މިފަދަ މީހުން ޓެސްޓް ކުރުމަށްފަހު ޕޮޒިޓިވް ވެއްޖެނަމަ، މެޑިކަލް ދޫކުރެވޭނީ ފައިލޭރިއާއަށް ބޭސް ކެއުމަށްފަހު ކަމަށް އެ އުސޫލުގައިވެ އެވެ.