ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އަސްލަމް މިފަދައިން ވިދާޅުވީ މަޖިލީހުގެ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކަށް ހާއްސަކޮށްގެން ހައުސިން ސްކީމްތައް ހިންގި ނަމަވެސް މަޖިލީހުގެ މުވައްޒަފުންނަށް އެފަދަ ސްކީމެއް ނެތުމުގެ ކަންބޮޑުވުން މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށެވެ. މަޖިލީހުން މުވައްޒަފުންނަށް ހައުސިން ސްކީމް އިންތިޒާމު ކުރެވެންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެބަ މަސައްކަތް ކުރަން ރައްޔިތުންގެ މަޖިލީހުން، އަޅުގަނޑު ދެކޭ ގޮތުގައި، ސަރުކާރުގެ ވަކި އިދާރާއަކުން ވެސް ނޫން، ސަރުކާރަކުން ވެސް ނޫން، ރައްޔިތުންގެ މަޖިލީހުން އެކަން (ހައުސިން ސްކީމެއް) އިންތިޒާމު ކުރެވެންޖެހޭނެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުން މިކަން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަންޖެހޭ. އެހެން ކަމުން އެ މަސައްކަތް މުވައްޒަފުންނާއި އަމީން އާންމުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދާނަން،" އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މަޖިލީހުގެ މުވައްޒަފުންގެ މުސާރަ އެވްރެޖުކޮށް 20 ޕަސެންޓަށް ބޮޑު ކޮށްފައިވާ ކަށެވެ. ނަމަވެސް، އެއީ މަޖިލީހުގެ މުވައްޒަފުން ކުރާ މަސައްކަތާ ބަލައި އެންމެ އެކަށީގެންވާ އުޖޫރައެއް ނޫންކަން ވެސް އަސްލަމް ފާހަގަކުރެއްވި އެވެ.

އަސްލަމް ވަނީ، މަޖިލީހުގެ އިދާރީ މުވައްޒަފުން ވަކި ކޮޅަކަށް ނުޖެހި ކުރާ މަސައްކަތުގެ އަގުވަޒަންކުރާކަން ފާހަގަކޮށް އެކަމަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

ރޭގެ ހަފްލާގައި ވަނީ މަޖިލީހުގެ އިދާރާގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފަ އެވެ.