މިފްކޯއިން މަސް ގަންނަ އަގު 20ރ. އަށް ތިރި ކުރަން ސަރުކާރުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު އިން ފެށިގެން، މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 25ރ. އަށް ބޮޑުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ރައީސް ސޯލިހު އެ ނިންމުން ނިންމިއިރު، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔައީ 17ރ. އަށެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރިގޮތަށް ބަލާއިރު، 25ރ. އަށް ކިލޯއެއް ގަތުމުން 11ރ. ގެ ގެއްލުމެއް މިފްކޯއަށް ވަމުންދާ ކަމަށެވެ. އެހެންވެ އަގު ދަށްކުރީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ނިންމުމަށް އަމަލުކުރާނެ ދުވަހެއް މިނިސްޓަރު ޝިޔާމް ވިދާޅެއްނުވެ އެވެ.

މަސް ބަންދު ކުރާ ފެސިލިޓީތަކާއި މަސް ރައްކާ ކުރާ ފެސިލިޓީތަކުގެ ކެޕޭސިޓީ އޮތީ ވަރަށް ދަށްކަމުން އެ ސިނާއަތަށް ވަރަށް ބޮޑަށް ގެއްލުންވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހެ ފައިސާގެ "ބެކްލޮގް" ވީހާވެސް އަވަހަކަށް ފިލުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު މިހެން ދެންނެވިޔަސް، އަދިވެސް ވަރަށް ބޮޑު އަދަދެއް އެބަ އޮތް ބެކްލޮގްގައި، އެއީ ކޮންމެ ދުވަހެއްގައިވެސް އިތުރުވަމުން އެބަދޭ.".

މަސްވެރިންނަށް ނުދީ ހުރި ފައިސާ ލޯނެއް ނަގައިގެން ވެސް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.