މިދިޔަ ޖެނުއަރީ މަހު މީރާއަށް ލިބުނީ 16.1 މިލިއަން ޑޮލަރެއް ނޫން ކަމަށާއި 102 މިލިއަން ލިބުނު ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު އާއްމުކުރި ނޫސްބަޔާނެއްގައި މިދިޔަ މަހު ޓެކުހުގެ ގޮތުގައި އެ އިދާރާއަށް ދައްކާފައި ވަނީ ޖުމްލަ 16.1 މިލިއަން ޑޮލަރު ކަމަށް ބުނުމުން އެ ހަބަރު ޝާއިއުކުރި ފަހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ މިދިޔަ މަހު 102.7 މިލިއަން ޑޮލަރު ލިބުނު ކަމަށެވެ. އެކަމަކު މިދިޔަ އަހަރުގެ ޖެނުއަރީ މަހު 112.8 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާއަށް 3.60 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 5.7 އިތުރު އަދަދެއް ކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި، މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 12.2 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުނެފައިވެ އެވެ.
މީރާއިން ބުނިގޮތުގައި، ޖެނުއަރީ 2023 ގައި ލިބުނު އާމްދަނީ އަޅާބަލާއިރު މިދިޔަ ޖެނުއަރީ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޯޕަރޭޓް އިންކަމް ޓެކްސް، ޖީޖީއެސްޓީ، ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި މީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ރިޕޯޓްކޮށްފައިވާ އިންކަމް ޓެކްސް ލަޔަބިލިޓީގެ ދެވަނަ އިންޓަރިމް ޕޭމަންޓް މިދިޔަ އަހަރާއި އަޅައިބަލާއިރު 18.9 ޕަސެންޓް އިތުރުވުން ވެސް ހިމެނޭ ކަމަށް އެ ދިރާރާއިން ބުނެ އެވެ. މީގެ އިތުރުން، ސުންގަޑިއަށް ފައިސާ ދައްކާފައިވާ މިންވަރު އިތުރުވުމާއި ގުޅިގެން މިދިޔަ މަހު އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރުވުމުން ވެސް ހިމެނޭ ކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި މީގެ އިތުރުން ކޮމާޝަލް ބޭންކުތަކުން ވަނީ މި މަހުގެ ތެރޭގައި ބޮޑު އިންޓެރިމް ޕޭމަންޓެއް ދައްކާފަ އެވެ.
މީރާއިން ބުނީ މިދިޔަ އަހަރު 2023 ގެ އާމްދަނީއަށް ބިނާކޮށް ޖީޖީއެސްޓީގެ އާ ރޭޓަށް ފައިސާ ބަލައިގަންނަން ފަށާފައި ވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވާއިރު، މި އަހަރުގެ ޖެނުއަރީ މަހު އާ ރޭޓުގައި ޖީޖީއެސްޓީ ބަލައިގަނެފައި ވާތީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ބަލައިގަތް އާމްދަނީ ވަނީ އިތުރުވެފައި ކަމަށް އެ އިދާރާއިން ބުނެ އެވެ.
މީގެ އިތުރުން އެކްސްޕަޓްރިއޭޓް ކޯޓާ ފީ އިން އާމްދަނީ ނަގަން ފަށާފައި ވަނީ 2023 ވަނަ އަހަރުގެ މާޗު މަހު ކަމަށް ވާތީ އެއަހަރުގެ ޖަނަވަރީ މަހު މި އާމްދަނީ ބަލައިގަނެފައި ނުވާ ކަމަށް ވެސް މީރާއިން ބުނެ އެވެ. ނަމަވެސް ޖަނަވަރީ 2024 ގައި މި އާމްދަނީ ބަލައިގެންފައި ވާތީ މިދިޔަ އަހަރާ އަޅާބަލާއިރު ޖުމްލަކޮށް ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް އެ އިދާރާއިން ބުނެ އެވެ.
މީރާއިން ބުނީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ ބަލައިގަތް އާމްދަނީ އިތުރުވެފައި ވަނީ، ކޯޕަރޭޓް އިންކަމް ޓެކްސް، ބޭންކް ޕްރޮފިޓް ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށެވެ.
މީރާއިން ބުނިގޮތުގައި އިންކަމް ޓެކްސް ލަޔަބިލިޓީގެ ދެވަނަ އިންޓްރިމް ޕޭމެންޓް، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން އަދި ކޮމާޝަލް ބޭންކުތަކުން ރިޕޯޓްކޮށްފައިވާ އަދަދު، ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދާއި އަޅައިބަލާއިރު އިތުރުވުމުންނާއި ސުންގަޑިއަށް ފައިސާ ދައްކާފައިވާ ރޭޓު އިތުރުވެފައި ވާތީ، އިންކަމް ޓެކުހުގެ ޖުމުލަ އާމްދަނީ ވަނީ އިތުރުވެފަ އެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކުހުންނެވެ. އެއީ 46.6 ޕަސެންޓް ނުވަތަ 1.68 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. އެއީ 39.29 ޕަސެންޓް ނުވަތަ 1.41 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ގްރީން ޓެކުހުގެގެ ގޮތުގައި 99.56 މިލިއަން ރުފިޔާ (2.77 ޕަސެންޓް)، އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ގޮތުގައި 94.62 މިލިއަން ރުފިޔާ (2.63 ޕަސެންޓް)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 92.23 މިލިއަން ރުފިޔާ (2.57 ޕަސެންޓް)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 220.38 މިލިއަން ރުފިޔާ (6.13 ޕަސެންޓް) ލިބިފައިވެ އެވެ.
ސޭޓުގެ ރިސޯޓުތަކަށް ލިބުނޯ ތީގެ 10 ގުނަ